ދާދި ފަހުން ފޭސްބުކް މެދުވެރިކޮށް ސޯޝަލް މީޑިއާ ބޭނުންކުރަން ފެށި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ވަނީ މީގެ ދުވަސް ކޮޅެއް ކުރިން ފޭސްބުކް މެދުވެރިކޮށް އޭނާގެ ހާއްސަ ސަޕްރައިޒެއް މިއަދު ދޭނެ ކަމަށް ބުނެފައެވެ. އެއާއެކު އޭނާގެ ފޭނުން ތިބީ އެ ވަގުތަކަށް ކެތްމަދުވެފައެވެ.

ނަމަވެސް އެ އިންތިޒާރަށް މިހާރު މިވަނީ ނިމުމެއް އައިސްފައެވެ. ކެޓްރީނާ މި ވަނީ އިންސްޓްގްރާމް ބޭނުން ކުރަން ފަށާފައެވެ. ވެރިފައި ކޮށްފައިވާ އެ އެކައުންޓުން މިހާތަނަށް ކެޓްރީނާ ހިއްސާކޮށްފައިވަނީ އެންމެ ފޮޓޯއެކެވެ. އެ ފޮޓޯ ވެސް ކެޓްރީނާ ހާއްސަކުރީ ރާއްޖެއަށެވެ.

"ނިއު ބިގިނިން.. ކަމިން ފްރޮމް މައި ހެޕީ ޕްލޭސް" (އާ ފެށުމެއް. މިއަންނަނީ އަހަރެންގެ އުފާވެރި މަންޒިލުން) މިހެން ޖަހާފައިވާ ކެޕްޝަނަކާއެކު ކެޓްރީނާ ހިއްސާކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ އާއެކު ހާޕާ ބާޒާރް ބްރައިޑް އިންޑިއާ މެގަޒިންގެ ފޮޓޯ ޝޫޓަކަށް ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެކެވެ.

މީގެ ކުރިން ވެސް ޗުއްޓީއަށް ރާއްޖެ އައިސްފައިވާ ކެޓްރީނާ، މަނީޝް މަލްހޯތުރާއާއެކު ރާއްޖެ އައިސް ހުރީ ރާއްޖޭގެ އަނަންތަރާ ކިހަވަތް ރިސޯޓްގައެވެ.

ކެޓްރީނާގެ އިންސްޓަގްރާމް އެކައުންޓް ލޯންޗުކުރިތާ އެންމެ ދުވަހެއް ފާއިތުވީއިރު، ފަސް ލައްކައަށްވުރެ ގިނަ މީހުން ދަނީ އެ އެކައުންޓް ފޮލޯކުރަމުންނެވެ. ނަމަވެސް މިހާތަނަށް ކެޓްރީނާ ފޮލޯ ކޮށްފައިވަނީ މަދު ބައެކެވެ.

ކެޓްރީނާ ފޮލޯ ކޮށްފައިވާ ބައެއް މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރާއި، މަނީޝް މަލްހޯތުރާ، ޝާހް ރުކް ޚާން، އާލިއާ ބަޓް، އަމީތާބް ބައްޗަން ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.

ކެޓްރީނާ މިހާރު ބުރަކޮށް އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު، "ޖައްގާ ޖާސޫސް"ގެ މަސައްކަތުގައެވެ. އަނޫރާގް ބާސޫ ޑައިރެކްޓްކުރާ އެ ފިލްމުގައި ކެޓްރީނާ ފެންނާނީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ، ރަންބީރް ކަޕޫރެވެ. އެ ފިލްމަށްފަހު ދެން ކެޓްރީނާ ފެނިގެންދާނީ ސަލްމާން ޚާންއާއެކު "ޓައިގާ ޒިންދާ ހެއި" އިންނެވެ.

new beginnings ... coming from my happy place #helloinstagram

A post shared by Katrina Kaif (@katrinakaif) on