27 Apr 2017, 21:07
ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާލީ އަހަރު ނިމި ޑިވިޑެންޓުގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
ބީއެމްއެލުން ހާމަ ކުރި ގޮތުގައި ޑިވިޑެންޓުގެ ގޮތުގައި ބަހަން ހުށަހަޅަނީ 108 މިލިއަން ރުފިޔާއެވެ. އެ ފައިސާއިން ހިއްސާއަކަށް 20 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑަށް އެކުންފުނީގެ ޑިރެކްޓަރުން ވަނީ ގަރާރެއް ހުށަހަޅާފައެވެ. އެއީ މިދިޔަ އަހަރު އެކުންފުނީގެ ހިއްސާދާރުންނަށް ބެހި ޑިވިޑެންޑުގެ 18 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 17 ރުފިޔާ އެވެ.
މިދިޔަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 1.02 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 61 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ މިންވަރުގެ ފައިދާއެއް ލިބުމާ އެކު މިއަހަރު ޑިވިޑެންޑުގެ ގޮތުގައި ބަހަން ނިންމާފައިވަނީ ރެކޯޑު އަދަދެއްގެ ޑިވިޑެންޑެއް ކަމުގައި މީގެ ކުރިން އެކުންފުނިން ވަނީ ބުނެފައެވެ.
ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމާނީ އެކުންފުނީގެ ބޯޑުން އެގޮތަށް ނިންމުމުންނެވެ. ޑިރެކްޓަރުންގެ ގަރާރު ދެން އޮންނަ އަހަރީ އާންމު ޖަލްސާގައި ބޯޑަށް ހުށަހަޅާނެ އެވެ.
ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޮޑު ފައިދާއެއް ހޯދުމާ އެކު، ބޭންކުން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންވެސްޓްކޮށް، ވިޔަފާރިތަކާއި ރައްޔިތުންނަށް އެހީތެރިވަމުން ކަމަށެވެ.