27 Apr 2017, 22:10
މިމަހުގެ 14 ވަނަ ދުވަހު ފާހަގަކުރި ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސްކޫލް ދަރިވަރުންގެ އަދަބީ އީދުގެ ރަންތަރި ޖަމާލުއްދީން ސްކޫލަށް ލިބިއްޖެ އެވެ.
މާލޭ ސަރަހައްދުގެ 16 ސްކޫލަކުން 250 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެގެން މި މަހުގެ 15 ވަނަ ދުވަހު ތާޖުއްދީން ސްކޫލުގައި ބޭއްވި އަދަބީ އީދުގައި ފަސް މުބާރާތެއް ކުރިއަށް ގެންދިޔައިރު، އެ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުން އޮތީ ރޭ، އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން މުޅި އަދަބީ އީދުގެ ރަންތަރި ހޯދީ ޖަމާލުއްދީން ސްކޫލުންނެވެ. އެ ސްކޫލުގެ ދަރިވަރުން ވަނީ ރައިވަރު ކިޔުމާއި އައުލަފުޒު މުބާރާތުގެ އެއް ވަނަ އަދި ތާރީހީ ކުއިޒާއި އަދަބީ ޖާފަތުގެ ތިން ވަނަ ހޯދާފައެވެ.
އަދަބީ އީދުގެ ރިހިތަރި ހޯދި ކަލާފާން ސްކޫލުން ވަނީ ތާރީހީ މުބާރުން އެއްވަނަ އާއި އައުލަފުޒު މުބާރާތުން ދެވަނަ އަދި ރައިވަރު ކިޔުމާއި އަތު ލިޔުމާއި އަދަބީ ޖާފަތް މުބާރާތުން ތިން ވަނަ ހޯދާފައެވެ. އަދަބީ އީދުގެ ސުވާސާތަރި ލިބުނީ އަމީނިއްޔާ ސްކޫލަށެވެ. އެ ސްކޫލުން ވަނީ ރައިވަރު ކިޔުމާއި އެބައުޅެޔޯ މިބައުޅެޔޯ އަދި އަދަބީ ޖާފަތް މުބާރާތުން ދެވަނަ ހޯދާފައެވެ.
* ރައިވަރު ކިޔުމުގެ މުބާރާތް
ޖަމާލުއްދީން ސްކޫލް
- އަމީނިއްޔާ ސްކޫލް
- ކަލާފާން ސްކޫލް
އަތުލިޔުމުގެ މުބާރާތް
މުހްޔިއްދީން ސްކޫލް
- އަރަބިއްޔާ ސްކޫލް
- ކަލާފާން ސްކޫލް
އައު ލަފުޒު މުބާރާތް
ޖަމާލުއްދީން ސްކޫލް
- ކަލާފާން ސްކޫލް
- ހިރިޔާ ސްކޫލް
ތާރީހް ކުއިޒް މުބާރާތް
ކަލާފާން ސްކޫލް
- އިސްކަންދަރު ސްކޫލް
- ޖަމާލުއްދީން ސްކޫލް/ އަރަބިއްޔާ ސްކޫލް
އެބައުޅެޔޯ މިބައުޅެޔޯ މުބާރާތް
ތާޖުއްދީން ސްކޫލް
- އަމީނިއްޔާ ސްކޫލް
- ދަރުމަވަންތަ ސްކޫލް
އަދަބީ ޖާފަތް މުބާރާތް
ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ރެހެންދި ސްކޫލް، ޢާޒީ ސްކޫލް އަދި އިސްކަންދަރު ސްކޫލް
- އަމީނިއްޔާ ސްކޫލް، އިޔާޒުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި އިމާދުއްދީން ސްކޫލް
- މުހްޔިއްދީން ސްކޫލް، ދަރުމަވަންތަ ސްކޫލް، ކަލާފާން ސްކޫލް އަދި ޖަމާލުއްދީން ސްކޫލް
މިއަހަރު ބޭއްވި އަދަބީ އީދަކީ ގައުމީ ފެންވަރުގައި ބޭއްވި އެފަދަ ފުރަތަަމަ އީދެވެ. މީގެ ކުރިން ސްކޫލްތަކުން އަންނަނީ އެކި ނަންނަމުގައި އެކި ސްކޫލްތަކަށް ދައުވަތު ދީގެން ދުވަސްތައް ފާހަގަކުރަމުންނެވެ.
ދިވެހި ބަހުގެ އެކެޑަމީ އިން ބުނީ، ގައުމީ ފެންވަރުގައި އެފަދަ އީދެއް ބޭއްވުމުގެ މަގުސަދަކީ މާލޭގެ ސުކޫލުގެ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކަކު އަނެކެއްގެ ކިބައިން ދިވެހި ބަސް އުގެނި ދިވެހި އަދަބު ދިރުވައި، ބަސް ކުރިއެރުވުމަށް އެހީތެރިވުން ކަމަށެވެ.
އެގޮތުން، މިއަހަރުގެ އަދަބީ އީދުގައި ސްކޫލްތަކުގެ އިތުރުން އޮފީސްތަކުގެ އަތުލިޔުމުގެ މުބާރާތަކާއި ޕްރީ ސްކޫލް މުވައްޒަފުންނަށް އާ ލަފުޒު މުބާރާތެއް ވެސް ވަނީ ބާއްވާފައެވެ.
އެގޮތުން އޮފީސްތަކުގެ އަތުލިޔުމުގެ މުބާރާތުގެ އެއްވަނަ ހޯމް މިނިސްޓްރީން ހޯދިއިރު، ދެވަނަ ލިބުނީ ސިވިލް ސާވިސް ކޮމިޝަނަށެވެ. އަދި ތިން ވަނަ ލިބުނީ އެމްއެންޑީއެފް އަށެވެ.
ޕްރީ ސްކޫލް މުވައްޒަފުންގެ އާ ލަފުޒު މުބާރާތުގެ އެއްވަނަ ލިބުނީ، ބުރިޖް ލިޓިލް ލާނާސް ޕްރީ ސްކޫލްއެވެ. ދެވަނަ ޝައިން ލާނާސް ޕްރީ ސްކޫލަށް ލިބުނުއިރު މާފަންނު މަދަރުސާއަށް ލިބުނީ އެ މުބާރާތުގެ ތިން ވަނައެވެ.