ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ދިރިއުޅޭ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީއާއެކު ތިން ކުންފުންޏަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ކުދިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ މިނިސްޓްރީން ތަފާތު މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.

އެގޮތުން އެ މިސްޓްރީއާއެކު އައިލެންޑް އޭވިއޭޝަނާއި މޫކައި ހޮޓެލްސްއިން މިއަދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ފިޔަވަތީގައި ދިރިއުޅޭ 10 އަހަރުން ދަށުގެ 94 ކުދިންނަށް އެހީތެރިވެދާނެ ކެއާވޯކަރުންގެ މުސާރަ ވަނީ ހަމަޖައްސައިދީފަ އެވެ. މުސާރަ ހަމަޖައްސައި ދިނީ އެއް އަހަރު ދުވަހަށެވެ.

އޭގެ އިތުރުން، ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ހާއްސަ މުނިފޫހިފިލުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ސެންޗޫރިއަން ޕަބްލިކް ކޮމްޕެނީއާއެކު ވެސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ސެންޗޫރިއަންއިން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރާއި 18 އަހަރާއި ދެމެދުގެ 66 ކުދިންނަށް މަހަކު އެއް ފަހަރު މަސްދަތުރުތަކެއް އިންތިޒާމު ކޮށްދެއްވާނެ ކަމަށް އެ ކުންފުނިން އެއްބަސްވެފައިވެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް، މޫކައި ހޮޓެލްސް އަދި ސެންޗޫރިއަން ޕަބްލިކް ވެދެއްވާ އެހީތެރިކަން އެ މިނިސްޓްރީ އިން ފާހަގަ ކުރެއްވި އެވެ.