ޑެންގީ ޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށްފައި އޮތް މީހަކު މަރުވެއްޖެ އެވެ. މަރުވީ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ. ގދ. މަޑަވެލީ ދީނާރުގޭ މުހައްމަދު ވަހީދު މަރުވީ މިރޭ 9:50 ގަ އެވެ.

އައިޖީއެމްއެޗާ ހަވާލާދީ ޑެންގީ ޓާސްކްފޯހުން މިރޭ ބުނީ އެމީހާ އަކީ ޑެންގީ ޖެހިގެން މިދިއަ މަހުގެ 25 ގައި އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާ ދެމުން އައި މީހެއް ކަމަށެވެ. ނަމަވެސް އޭނާ މަރުވީ ހޮސްޕިޓަލުގައި އޮއްވާ އެހެން ބައްޔެއްގައި ކަމަށެވެ.

"ޑެންގީއަށް ރިޕޯޓްކޮށް ފަރުވާ ދެމުން އައި މީހެއް އެއީ. ނަމަވެސް ހޮސްޕިޓަލުން ބުނޭ އޭނަ މަރުވީ ޑެންގީއަށް ފަރުވާ ދީފައި ވަނިކޮށް އެހެން ބައްޔެއްގައި ކަމަށް،" ޓާސްފޯހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އައިޖީއެމްއެޗާ ހަވާލާދީ ޓާސްފޯހުން އެހެން ބުނި ނަމަވެސް ވަހީދުގެ ދަރިކަލުން ވީޓީވީގެ އެސިސްޓެންޓް ސީއީއޯ ޝިހާމް މުހައްމަދު ވަހީދު ވިދާޅުވީ ބައްޕަ ހޮސްޕިޓަލަށް ގެންދިޔައީ ޑެންގީ ޖެހިގެން ކަމަށާއި ހޮސްޕިޓަލުގައި އިތުރު ބައްޔަކަށް ބައްޕައަށް ފަރުވާ ދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ކުރިމަތީގައި ހުރިހާ ކަމެއް ހިނގީ. ބައްޕަ މަރުވީ ޑެންގީ ޖެހި ފަރުވާ ދެމުން ދަނިކޮށް، ހަށިގަނޑުން ލޭ ހުސްވެގެން،" ޝިހާމް ވިދާޅުވި އެވެ.

މިއީ ޑެންގީ ހުމުގައި މިއަހަރު މަރުވި ދެވަނަ ބޮޑު މީހާ އެވެ. ޑެންގީ ޖެހިގެން މިއަހަރު ހަތް ކުއްޖަކު މަރުވެފައި ވެއެވެ.

ޓާސްފޯހުން ބުނެފައިވަނީ ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ޑެންގީ ހުމުގެ ހާލަތު މައްޗަށް ނުދާނަމަ ޓާސްފޯހުގެ މަސައްކަތްތައް ކުޑަކުރާނެ ކަމަށެވެ.