27 Apr 2017, 22:02
ރާއްޖެއިން މީސަލްސް (ހިމަބިހި) އާއި ރުބެއްލާ ނައްތާލުމަށް ގައުމީ އިމިއުނައިޒޭޝަން ތާވަލަށް މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިން ތައާރަފްކޮށްފި އެވެ. އެގޮތަށް ހަމަޖެއްސުމުން ނުވަ މަހުގެ ކުދިންނަށް ދެމުންދާ މީސަލްސް ވެކްސިންގެ ބަދަލުގައި މިއަދުން ފެށިގެން ދޭނީ އެމްއާރު ވެކްސިނެވެ.
ރުބެއްލާއަކީ ހިމަބިހި ފަދައިން ވައިގެ ޒަރީއާއިން ފުތެރޭ ގައިންގަޔަށް އަރާ ބައްޔެކެވެ. ރުބެއްލާ ޖެހުމުން ފެންނަ އަލާމާތްތަކެއް ފެންނައިރު، އަލާމާތްތައް ނެތިވެސް ބައެއް މީހުންނަށް ބަލި ޖެހުމަށްފަހު ފަސޭހަވެއެވެ.
ރުބެއްލާ ޖެހުމުން ފެންނަ ބައެއް އަލާމާތްތައް:
ހުން އައުމާއެކު ހަމުގައި ކުދި ރަތް ބިހިތަކެއް
- ލޯ ރަތް ވުން
- ވަރުބަލި ވުން
- ހުޅުހުޅުގައި ރިއްސުން
ރުބެއްލާއަކީ އާއްމުކޮށް ފަރުވާއަކާ ނުލާ ފަސޭހަވާ، އަދި ބަލި ޖެހޭ މީހާއަށް މާބޮޑު ނުރައްކާތަކެއް ކުރިމަތި ނުވާ ބައްޔެކެވެ. ނަމަވެސް މާބަނޑުވާއިރު އެ ބަލިޖެހިފައި ހުރެއްޖެނަމަ ނުވަތަ މާބަނޑު ދުވަސްވަރު، ހާއްސަކޮށް ފުރަތަމަ 20 ހަފްތާގެ ތެރޭގައި ބަލި ޖެހިއްޖެނަމަ، އޭގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ނުރައްކާތަކާ ކުރިމަތިވެއެވެ.
ދަރިފުޅު ބައިގެން ދިއުން
- ބަނޑަށް ދަރިފުޅު މަރުވުން
- އުފަންވާއިރު ދަރިފުޅުގެ ކަންފަތާއި، ލޮލާއި ހިތުގެ އެކި އައިބުތައް ހުރުން
- ސިކުނޑިއަށް އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް
އެހެންކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ލަފަޔާއި ރާއްޖޭގައި އެކުލަވާލެވިފައިވާ އިމިއުނައިޒޭޝަންއާ ބެހޭ ފަންނީ ކޮމެޓީގެ ލަފާގެ މަތިން މިއަދު ގެނައި ބަދަލާއެކު ތުއްތުކުދިންނަށް ދެވޭ ރުބެއްލާ ވެކްސިންގެ ސަބަބުން ރާއްޖޭގައި ރުބެއްލާ ފެތުރޭ މިންވަރު މަދުކުރެވޭނެ އެވެ.
ރުބެއްލާ އެއްކޮށް ކޮންޓްރޯލް ކުރުމަށް ކޮންމެ ކުއްޖަކަށް ވެސް ދެ ޑޯޒް ބޭނުންވެއެވެ. މިހާތަނަށް ރާއްޖޭގައި ދެމުން އައީ ރުބެއްލާގެ އެންމެ ޑޯޒެކެވެ. އެއީ 18 މަހުގައި ދެވޭ އެމްއެމްއާރް ވެކްސިނެވެ.
ނަމަވެސް މިއަދުން ފެށިގެން ނުވަ މަހުގެ ތުއްތު ކުދިންނަށް އެމްއާރު ވެކްސިންގެ ޑޯޒެއް ދޭން ފެށުމުން، 18 މަހުގައި މިހާރުވެސް ދެމުންދާ ޑޯޒާއެކު ކޮންމެ ކުއްޖަކަށް ވެސް ދެ ޑޯޒް ހަމަވާނެއެވެ.
އެއާއެކު ފުރާވަރުގެ އަދި ދަރިމައިވާ އުމުރުގެ މީހުންނަށް މީގެ ކުރިން ހިންގާފައިވާ އެމްއާރު ވެކްސިން ދިނުމުގެ ކެމްޕެއިން ތަކުގެ ސަބަބުން، މުޅި އާބާދީއަށް ވެސް ހިމަބިއްސާއި ރުބެއްލާ އިން ރައްކާތެރިކަން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މިއަދުން ފެށިގެން އަތޮޅު ތެރެއިން ވެސް ނުވަ މަހުގެ ކުދިންނަށް އެމްއާރް ވެކްސިން ދޭން ފަށާނެ ކަމަށެވެ.
އެމްއާރު ވެކްސިނަކީ ވަރަށް ރައްކާތެރި، އަދި އެ ޖަހާ ފަރާތްތަކުގެ 95 ޕަސެންޓް މީހުންނަށް މުޅި އުމުރަށް ބަލިން ރައްކާތެރިކަން ފޯރުކޮށްދޭ ވެކްސިނެކެވެ. އެހެނިހެން ވެކްސިން ތަކެކޭ ވެސް އެއްފަދައިން މި ވެކްސިން ޖެހުމުން އެންމެ އާއްމުކޮށް ފެންނަ އުދަނގޫތަކަކީ:
ވެކްސިން ޖަހާތަނަށް ތަދުވުން
- ވެކްސިން ޖަހާތަން ދުޅަވުން
- ރަތްވުން އަދި ހުން އައުން
- ބައެއް ކުދިންނަށް ވެކްސިން ޖެހުމުން ހަމުގައި ބިހިތަކެއް ނެގުން
ނަމަވެސް އެ އަލާމަތްތައް ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވެއެވެ. އެއްވެސް ބައްޔެއްގެ ސަބަބުން ނުވަތަ ބައްޔަކާ ގުޅިގެން ކުރާ ފަރުވާގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ކުދިންނަށް އެމްއާރު ވެކްސިނެއް ނުދެވޭނެއެވެ.
މީގެ އިތުރުން އެހެން ބޮޑު ބައްޔެއް ޖެހިފައިވާ ކުދިން ބަލި ރަނގަޅު ވަންދެން ވެކްސިން ދިނުން ލަސްކޮށް ލެވިދާނެއެވެ.