މާލޭ ލީގުގައި މާދަމާ ކްލަބް އީގަލްސްއާ ދެކޮޅަށް ޓީސީ ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށާއި ގަދަހަތަރެއްގައި އޮންނަން ބޭނުންނަމަ ކުރިއަށްދެވޭނީ ކޮންމެ މެޗަކުންވެސް ރަނގަޅު ނަތީޖާއެއް ނެރެގެން ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މިއަދު ހެނދުނު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ އީގަލްސްއަކީ ހުރިހާ ގޮތަކުންވެސް މޮޅު ޓީމެއްކަމަށެވެ. އެ ޓީމުގައި ތިބީ ކިހާ ފެންވަރެއްގެ ކުޅުންތެރީންތަކެއްކަން ޓީސީން ނުބަލާނެ ކަމަށާއި ޓީސީން ހަމައެކަނި ބަލަން ބޭނުންވާނީ އެ ޓީމުންވެސް ނުކުންނާނީ 11 ކުޅުންތެރިން ކަމާއި ޓީސީ މެޗް ކާމިޔާބުކުރާ ކަމަށް ވާނަމަ އީގަލްސް ބަލިކުރަންޖެހޭނީ އެ 11 ކުޅުންތެރިންނާ ދެކޮޅަށް ކުޅެގެންކަމަށް ނިޒާމްބެ ބުންޏެވެ.

" ޓީސީ ނުކުންނަން ޖެހެނީ 11 ކުޅުންތެރިންނާ ދެކޮޅަށް. ޓީސީން ނުބަލާނެ އީގަލްސްގެ 11ގެ ތެރޭގައި ތިބީ ކިހާ ފެންވަރެއްގެ ކުޅުންތެރިން ތަކެއްތޯ. އަދި މެޗު ފަސޭހައެއްވެސް ނުކޮށްލާނެ،" ނިޒާމްބެ ބުންޏެވެ.

ވޭތުވެދިޔަ ސީޒަނުގެ ހުރިހާ މުބާރާތަކުން ދެވަނަ ޓީސީއަށް ހޯދައިދީ މިއަހަރުގެ ސީޒަން ރަން މެޑަލްއަކާއެކު ފެށި ތަޖުރިބާކާރު ކޯޗްބުނީ ޓީސީ އޮތީ އީގަލްސް މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި އަމާޒަކީ އީގަލްސް އަތުންވެސް ތިން ޕޮއިންޓް ހޯދުން ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ނިއުރޭޑިއަންޓް އަތުން ބަލިވެފައި އޮތުމުން މި މެޗުގެ ނަތީޖާ މުހިއްމުވާނެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ޓީސީ ލީގު ތާވަލްގައި މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ތާވަލްގެ ހަތަރުވަނައިގައެވެ. އީގަލްސް އޮތީ ތާވަލްގެ ފަސްވަނައިގައެވެ.

ޓީސީ އަދި އީގަލްސް ބައްދަލުކުރާ މެޗް އޮންނާނީ މާދަމާ ހަވީރު 16:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.