27 Apr 2017, 15:49
ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނާއި ޑަސްބިން ފޯރުކޮށްދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައި އެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހއ. އާއި ހދ. އަދި ށ. އަތޮޅުގެ 15 ރަށަކަށް ކުނިމެނޭޖް ކުރުމަށް ބޭނުންވާ ސާމާނާއި ޑަސްބިން ފޯރުކޮށްދިނުމަށް، ނިއޯ މެޑް މޯލްޑިވަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ހަވާލު ކުރީ އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރައްމިއްޔާތެއްގަ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު އެވެ. އަދި ނިއޯ މެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހުސެން ރަޝީދެވެ.

އުތުރުގެ ބައެއް ރަށްރަށަށް ކުނިމެނޭޖް ކުރަން ބޭނުންވާ ސާމާނައުި ޑަސްބިން ފޯރުކޮށްދިނުމަށް ނިއޯ މެޑް މޯލްޑިވަަސްއާ އެކު ސޮއކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަލީ އާމިރު ވާހަކަފުޅު ދައްކަވަނީ----
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ އާމިރު ވިދާޅުވީ، ހއ، ހދ އަދި ށ. އަތޮޅުގެ އެ މަސައްކަތަށް 1،632،607.23ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި އެ ތަކެތި 17 އޯގަސްޓް 2017ގެ ކުރިން އެ ރަށްރަށުގައި ގާއިމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހއ. އަތޮޅުން ޑަސްބިނާއި ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ރަށްރަށަކީ، އިހަވަންދޫ، ހޯރަފުށި، ކެލާ، ބާރަށް، އުތީމު، ފިއްލަދޫ، ތުރާކުނު އަދި އެ އަތޮޅު ވަށަފަރެވެ.
އަދި ހދ. އަތޮޅުން އެ ސާމާނު ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ރަށްރަށަކީ، ހަނިމާދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު އަދި ނައިވާދޫ އެވެ.
އޭގެ އިތުރުން ށ. އަތޮޅުން އެ އަތޮޅު ނަރުދޫ، ފޯކައިދޫ އަދި ފޮނަދޫ އަށް އެ ސާމާނު ފޯރޮކޮށްދިނުމަށް ހަވާލުކުރިއެވެ.
އާމިރު ވިދާޅުވީ، އަންނަ އަހަރުގެ ނިޔަލަށް އެ އަތޮޅުތަކުގެ ބާކީ ހުރި ރަށްތަކަށް ވެސް އެފަދަ ސާމާނު ތައް ފޯރުކޮށްދޭނެ ކަމަށެވެ.
އެ ރަށް ރަށަށް ފޯރުކޮށްދެނީ ކާދު ހަދާނެ އެއްޗިއްސާއި ޑަސްބިން ފަދަ ތަކެތި ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.