އަންނަ އާދީއްތަ ދުވަހުގެ ރޭ އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޓީމް ކުޅޭ މެޗްގެ ޓިކެޓް މިއަދު ވިއްކަން ފަށައިފި އެވެ.

އެފްއޭއެމް އިން މައުލޫމާތު ދޭގޮތުގައި، މެޗްގެ ޓިކެޓް މިއަދު ހަވީރު ގަލޮޅު ދަނޑުން ވިއްކަން ފަށާފައި ވާއިރު، ޓިކެޓްގެ އަގުތައް އުޅެނީ 10ރ. އާއި 35ރ. ދެ މެދުގެ އަގުތަކުގައިކަމަށެވެ. ސިޑި ބަރިން 10ރ. އަށް ޓިކެޓެއް ވިއްކާއިރު، ގޮނޑި ބަރީގެ ޓިކެޓްތައް އުޅެނީ 30ރ. އާއި 35ރ. އަށެވެ.

އެފްއޭއެމް އިން ބުނީ މާދަމާ ވެސް ޓިކެޓް ވިއްކާނެ ކަމަށާއި މާދަމާ ހެނދުނު 10:00 ޖަހާއިރު ޓިކެޓް ގަލޮޅު ދަނޑުން ވިއްކަން ފަށާނެ ކަމަށެވެ.

އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޓީމް ނުކުންނަނީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމަށެވެ.

މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމްގެ ފަރިތަކުރުންތައް މިއަދުވެސް ހެންވޭރު ދަނޑުގައި ކުރިއަށް ގެންގޮސްފައި ވާއިރު، ގައުމީ ޓީމަށް ގެންނަން ނިންމި އާޖެންޓީނާގެ ފިޒިކަލް ޓްރެއިނަރު މިއަދު މާލެ އައިސް، ހަވީރު އޮތް ޓީމްގެ ފަރިތަކުރުން ތަކުގައި ބައިވެރިވެ، ޓީމަށްވަނީ އިރުޝާދުދީފަ އެވެ.

ރާއްޖެ އާއި އިންޑިއާ ކުޅުމަށް ހަމަޖެހިފައިވާ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 8:45 ގައި ގަލޮޅު ދަނޑުގަ އެވެ.