27 Apr 2017, 14:00
މޯލްޑިވްސް އިސްލާމިކް ބޭންކުގައި ފަސް އަހަރު ވަންދެން ބޭނުން ނުކޮށް ހުރި 951 އެކައުންޓެއް ބަންދުކުރާނެ ކަމުގެ ނޯޓިސް، އެ ބޭންކުން ނެރެފި އެވެ.
ޑޯމަންޓް އެކައުންޓްތަކަކީ އެއްވެސް ކަހަލަ މުއާމަލާތެއް ނުކޮށް، އަދި އެ އެކައުންޓުން ބޭންކަށް އެއްވެސް ކަހަލަ ލިޔުމެއް ވެސް ފޮނުވާފައި ނުވާ އެކައުންޓުތަކެވެ.
އެމްއައިބީ އިން ބުނީ އެގޮތަށް ހުރި 951 އެކައުންޓުގެ ވެރިފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، ޖަވާބެއް ނުލިބޭ އެކައުންޓުތަކާއި ވެރިފަރާތުގެ މައުލޫމާތު އާންމުކުރާނެ ކަމަށެވެ.
އެ ލިސްޓު މިއަދު ބޭންކުން ވަނީ އާންމުކޮށްފަ އެވެ.
ބޭންކުން ބުނީ ލިސްޓު އާންމު ކުރާތާ 60 ދުވަސް ފަހުން، އެކައުންޓްތަކުގައިވާ ފައިސާ، މަރުކަޒީ ބޭންކަށް ހަވާލުކުރުމަށް ފަހު، އެކައުންޓުތައް ބަންދުކުރާނެ ކަމަށެވެ.
އެހެންކަމުން، މިހާރު ޑޯމަންޓް އެކައުންޓްތަކުގެ ލިސްޓުގައި ހުރި އެކައުންޓްތައް އަލުން އެކްޓިވޭޓު ކުރުމަށް ޓަކައި އެކައުންތުން މުއާމަލާތެއް ހިންގުމަށް، ނުވަތަ އެމްއައިބީގެ "ކަަސްޓަމާ މައުލޫމަތު ފޯމު" ފުރުމަށް ފަހު އެ ބޭންކުގެ ބްރާންޗަކަށް ހުޅުވުމަށް އެމްއައިބީން އެދެ އެވެ.
އަދި މެއި 24ގެ ކުރިން އެކްޓިވޭޓު ނުކޮށްފި ނަމަ އެކައުންޓު ބަންދުކޮށް، ފައިސާ އެމްއެމްއޭއަށް ފޮނުވާނެ ކަމަށާއި، އެ ފައިސާ ހޯދުމަށްޓަކައި "ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު" ފުރުމަށް ފަހު އެމްއައިބީއަށް ހުށަހަޅަން ޖެހޭ ކަމަށް އިސްލާމިކް ބޭންކުން ބުނެ އެވެ.