27 Apr 2017, 13:47
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް 5.8 މިލިޔަން ޑޮލަރުގެ ބޮޑު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބިއްޖެ އެވެ.
ޓޫރިސްޓު ރިސޯޓު ހެދުމަށް އެމްޓީޑީސީއަށް ސަރުކާރުން ދިން ހދ. ނާގޯށީގެ އެގްރިމެންޓް ބާތިލުކޮށް، ސަރުކާރަށް އެރަށް އަނބުރާ ނެގި އިރު، އެކަމާ ގުޅިގެން އެކުންފުނީގެ ފަހު ކުއާޓަރުގެ ރިޕޯޓު ނުނެރެވި ލަސްތަކެއް ވިއެވެ. މާލީ ރިޕޯޓު ލަސްވުމާ ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ވަނީ އެމްޓީޑީސީ 30،000 ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓު ދައްކާ ގޮތުގައި އެކުންފުންޏަށް ލިބިފައި ވަނީ 5.8 މިލިޔަން ޑޮލަރެވެ. އޭގެ ތެރޭގައި، އެކްސްޓްރާއޯޑިނަރީ އިންކަމްއެއްގެ ގޮތުގައި 3.9 މިލިޔަން ޑޮލަރުވެސް ހިމެނެ އެވެ.
ފަހު ކުއާޓަރުގެ 5.8 މިލިޔަން ޑޮލަރުގެ ފައިދާއާ އެކު، އެމްޓީޑީސީ އަށް މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 12 މިލިޔަނަށް ވުރެ ގިނަ ޑޮލަރު (184 މިލިޔަނެއްހާ ރުފިޔާ) ލިބިފައިވެ އެވެ. މިއީ އަހަރެއްގެ މައްޗަށް އެކުންފުންޏަށް ލިބުނު ރިކޯޑު ފައިދާއެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެމްޓީޑީސީގެ ފައިދާއަކަށް ޖެހިފައި ވަނީ 93.7 މިލިޔަން ރުފިޔާ އެވެ.
އެމްޓީޑީސީން މި މަހުގެ ތެރޭގައި ވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އަދި މިދިޔަ އަހަރު ބޭއްވި އެކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާވެސް ވަނީ އާންމުކޮށްފައެވެ.