ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް 85000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އަލީމުގެ މައްޗަށް އަމުރުކޮށްފައިވަނީ 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ 85،000 ރުފިޔާ ކޯޓަށް ދައްކާ ހަލާސް ކުރާށެވެ.

އަލީމްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ދައުވާ އުފުލާފައި ވަނީ، ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމަކަށް ތަބާ ނުވެ، އެ ހުކުމާ ޚިލާފަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ ދައުވާގައި ބުނެފައި ވަނީ، "އެ މައްސަލަ އަކީ ޕީޕީއެމާ ގުޅޭ ގޮތުން މީގެކުރިން އެ ކޯޓުންކޮށްފައިވާ ހުކުމަށް ތަބާވުމެއް ނެތި، އަދި ކިޔަމަންވުމެއް ނެތި، އެ ހުކުމާ ޚިލާފުވާގޮތަށް ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމެޓީއެއް ހިންގައި އެ ޕާޓީގެ މެމްބަރުން ވަކިކޮށް ހަދާފައި ވަނީ ކޯޓުގެ ހުކުމަކީ އެއަށް މީސްތަކުން ތަބާވާން ނުޖެހޭ އެއްޗެއް ކަމަށް ބެލެވޭ ބެލެވުން" ކަމުގައެ ވެ.

އަލީމް ވިދާޅުވީ، ކޯޓުން އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައި ވަނީ، އަލީމްގެ ވާހަކައިންނާއި ވައިބާ ގްރޫޕްތަކުގައި ދައްކާފައިވާ ވާހަކަތަކުން ނިހާނާއި އިލްހާމް ޕާޓީން ވަކި ކުރިކަން އެންގެން އޮންނާތީ ކަަމަށް ޝަރީއަތުން ބުނެފައިވާ ކަމަށެވެ.

ކޯޓުގެ ހުރުމަތް ކެނޑިކަން އަލީމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖޫރިމަނާ ކޮށްފައިވަނީ "ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުގެ" 13 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ.

ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުގެ 13 ވަނަ މާއްދާ

ތިރީގައިމިވާ ހާލަތްތަކުގައި ކޯޓެއްގެ ހުރުމަތް ކަނޑައިފި ނަމަ އެކަމާ ގުޅިގެން ފިޔަވަޅު އަޅާނީ ސީދާ އެ ކޯޓަކުންނެވެ.

  1. ކޯޓުތެރޭގއަި ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ކުރުުން

  2. ކޯޓުން ނެރޭ އަމުރެއް ނުވަތަ ކުރާ ހުކުމެއް ތަންފީޒު ނުކުރުން

އެ މާއްދާގައި ބުނާ އަމަލެއް ހިންގައިފިނަމަ ފިޔަވަޅު އަޅާނީ އެ ކޯޓަކުން ކަމަށް ބުނެފައިވީ ނަމަވެސް އެ މާއްދާގެ ދަށުން ޖޫރިމަނާ ކުރެވޭނެ އުސޫލެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި އަލީމުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ މައްސަލާގައި ޖޫރިމަނާ ކުރީ ކޮން އުސޫލެއްގެ ދަށުން ކަމެއްވެސް ބަޔާންކޮށްފައެއް ނުވެ އެވެ.

އަލީމްގެ މައްސަލަ ބައްލަވާފައި ވަނީ، ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައި ގަންނަވަނީ އިސްގާޒީ އަބްދުﷲ އަލީ އާއި ދެން ގާޒީ މުހައްމަދު ހަލީމާއި ގާޒީ ހަސަން ފަހީމް އިބްރާހީމާއި ގާޒީ އަލީ ނަސީރުގެ އިތުރުން ގާޒީ އަލީ އަބްދުﷲ އެވެ.