27 Apr 2017, 14:06
މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ މިދިޔަ ހަފްތާ ބޭއްވި އެންމެ ފޯރިގަދަ ޝޯ އަކީ "އައިޑޮލް ވަން"، ތީމަކަށް ނަގައިގެން މިދިޔަ އަހަރު ބޭއްވި އައިޑޮލްގެ ބައެއް ބައިވެރިންނާ އެކު ބޭއްވި ޝޯއެވެ. އެ ބައިވެރިން މިއަހަރުގެ ބައިވެރިންނާ މެދު ދެކޭ ގޮތް ހާމަކޮށް، ޑުއެޓް ލަވަތަކެއް ހުށަހަޅައިދިނެވެ.
އެ ޝޯގެ ތެރެއިން އެންމެ ގިނަ ބައެއްގެ ކަންފަތުގައި ގުގުމާލީ މިދިޔަ އަހަރު ބޭއްވި އިއިޑޮލްގެ ތިން ވަނަ، މުހައްމަދު އިޝާން އޭނާގެ ކޮއްކޮ އަބްދުﷲ ހިޝާނާ އެކު ލަވަ ހުށަހެޅުމަށްފަހު ބުނި ޖުމްލައެވެ. އިޝާންގެ ލަވަތައް ހިމެނޭ އަލްބަމެއް ވުޖޫދަށް އަންނަން އުޅޭ ވާހަކައެވެ. ނަމަވެސް މާ ބޮޑު ތަފްސީލެއް ވަނީ ޝޯގެ ތެރެއިން ނުލިބިފައެވެ.

އިޝާން---
"ސަން" އާ ވާހަކަދައްކަމުން އިޝާން ބުނީ، ލަވަ އަލްބަމް ވަރަށް އަވަހަށް ފޭނުންނާ ހަމައަށް އަންނާނެ ކަމަށެވެ. ނަމަވެސް އަދި އަލްބަމް ނެރޭނެ ތާރީހެއް ހާމައެއް ނުކުރެއެވެ.
މިދިޔަ އަހަރުގެ ޝޯއަށް ފަހު ވެސް އިޝާން ދިޔައީ އޭނާގެ ސަޕޯޓަރުން މުނިފޫހި ފިލުވަމުންނެވެ. އެހަނދާނުގައި ޝޯގަ އާއި އީދު ޝޯތަކުގައިވެސް އިޝާންގެ ލަވަތަކުން ސްޓޭޖްތައް ވަނީ ފަޅުފިލުވާލާފައެވެ.
އެހަނދާނުގައި ޝޯގައި އިޝާން އާއި ލަމްހާ ކިޔާފައިވާ ލަވަ----
މުޅި ޖުމްލަ ހަތް ލަވަ ހިމެނޭ އަލްބަމް އާ ގުޅެގޮތުން ވާހަކަ ދައްކަމުން އިޝާން ބުނީ، މިހާރު ހުރީ ހުރިހާ ލަވައެއްގެ ރެކޯޑިން ނިމިފައި ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ޕްރޮމޯޝަނަލް ލަވަ ވީޑިއޯ އާއެކު ބެލުންތެރިންނަށް ދޫކޮށްލަން ކަމަށް ވެސް ބުންޏެވެ. އެ ލަވަ ޝޫޓް ކުރުމަށް މިހާރު ލޮކޭޝަންތަކާއި ކެމެރާ ކޮށްދޭނެ ފަރާތެއް ދަނީ ހޯދަމުންނެވެ.

އިޝާން---
"މިއީ އެއް އަހަރުގެ މަސައްކަތް ގާތްގަނޑަކަށް. މިދިޔަ އަހަރުގެ ޝޯ ނިންމާލުމަށްފަހު މި އަލްބަމްގެ މަސައްކަތް ފަށާފަ އިންނާނީ. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ބެލުންތެރިންނަށް އަންނާނެ،" ރިސޯޓް ތަކުގައިވެސް މިއުޒިކް ކުޅެމުން އަންނަ އިޝާން ބުންޏެވެ.
އިތުރަށް ވާހަކަދައްކަމުން އިޝާން ބުނީ، އެ ލަވަ އަލްބަމްގައި ހިމެނޭނީ ހުސް އަމިއްލަ ރާގުގެ ލަވަ ކަމަށާއި އެ ހުރިހާ ލަަވައެއް ވެސް ކިޔާފައިވަނީ އިޝާން ކަމަށެވެ.
"އަޅުގަނޑު ހުރިހާ ލަަވައެއްވެސް ރެކޯޑް ކޮށްފަ ވާނީ. ފުރަތަމަ ލަވަ ވީޑިއޯ އާ އެއްކޮށް ނެރެން މަޑުކުރަނީ،" އިޝާން ބުންޏެވެ.
މިދިޔަ އަހަރުގެ އައިޑޮލްގައި އިޝާން ކިޔާފައިވާ ލަވައެއް---
މިއަހަރުގެ އައިޑޮލްގެ ގަދަ ފަހަކާ ހަމައަށް އައިސްފައިވާއިރު، އިޝާން ބުނަނީ ހުރިހާ ކުދިންވެސް ވަރަށް މޮޅު ކަމަށާއި، އެކުދިންގެ ލަވަތައް ހުށަހަޅައިދޭ ގޮތް ވަަރަށް ކަމުދާ ކަމަށެވެ. އަދި ހުރިހާ ކުދިންވެސް ޖަޖުންގެ އިރުޝާދު ތަކާއެކު ކުރިޔަށް ދިޔުމަށް އިޝާން ބުންޏެވެ.
ކޮންމެއަކަސް އިޝާން އަމިއްލަ ލަވަތައް ވަރަށް އަވަހަށް އަންނާނެއެވެ. ކޮށްލަން ޖެހެނީ އިންތިޒާރެކެވެ.