ބޮލީވުޑްގެ ކުރީގެ ތަރި، އަދި ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުވިނޯދު ކަންނާމަރުވެއްޖެއެވެ.

އުމުރުން 70 އަހަރުގައި ކަންނާ މަރުވެފައި ވަނީ، މުމްބާއީގައި ކެންސަރު ބައްޔަށް ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ބޮލީވުޑްގެ ހިޓް ފިލްމުތައްކަމަށްވާ، "އަމަރް އަކްބަރު އެންތަނީ"، "ދަ ބާރނިންގ ޓްރެއިން" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި ވިނޯދު ކެންސަރުބައްޔަށް ފަރުވާހޯދުމަށް، މީގެ ދުވަސްކޮޅެއް ކުރީން ވަނީ، މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ފައުންޑޭޝަން އެންޑް ރިސާރޗް ސެންޓަރގައި އެޑްމިޓްކޮށްފައެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރީން، ސޯޝަލް މީޑިއާގައި އާންމުވި، ފޮޓޯއެއްގައި ވިނޯދުގެ ހަށިގަނޑު ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައިވުމުން އޭނާގެ ފޭނުންނަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ.

ބީޖޭޕީގެ ފަރާތުން ޕާލަމެންޓުގައި ޕަންޖާބުގެ ގުރުދާސްޕޫރު ޑިސްޓްރިކްޓް ތަމްސީލުކުރާ ވިނޯދު ކަންނާ އުފަންވީ، 6 އޮކްޓޫބަރު 1946 ވަނަ އަހަރު، ޕާކިސްތާނުގެ ޕިޝާވަރުގައެވެ. އޭނާ ވަނީ 1968 އާއި 2013 ވަނަ އަހަރާ ދެމެދު 141 ފިލްމު ކުޅެފައެވެ.

ކަންނާ ލީޑު ރޯލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި، މޭރޭ އަޕްނޭ، މޭރާ ގާއޯން މޭރާ ދޭޝް، ގައްދާރު، ޖެއިލް ޔަތުރާ، އިމްތިހާން، އިންކާރު، ކުއްޗޭ ދާގޭ، އަމަރް އަކްބަރު އެންތަނީ، ރާޖްޕުތު، ޤުރުބާނީ، ޤުދުރަތު، ދަޔާވަން، ކާރުނާމާ، ސޫރްޔާ، އޭން އަވޭކަނިން، އަދި ޖުރުމް ހިމެނެއެވެ.

ވިނޯދު ކަންނާގެ ދަރީންގެ ތެރޭގައި ބޮލީވުޑް ތަރި އަކްޝޭ ކަންނާއާއި ރާހުލް ކަންނާ، އަދި ޝަޝީ ކަންނާއާއި ޝްރައްދާ ކަންނާ ހިމެނެއެވެ.

ސިޔާސީ ދާއިރާއާ ކަންނާ ގުޅުނީ، 1997 ވަނަ އަހަރުއެވެ. ޖެހިގެން އައި އަހަރު ބީޖޭޕީގެ ޓިކެޓްގައި ވާދަކޮށް އޭނާ ވަނީ، ގާނޫނުހަދާ މަޖިލީހަށް ހޮވިފައެވެ.