މާލޭގައި ދިރިއުޅޭ ބިދޭސީންނަށް ޑެންގީހުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ދިވެހި ރެޑްކްރެސެންޓުން މިއަދު ހަވީރު ހިންގައިފި އެވެ.

ބިދޭސީންނަށް މައުލޫމާތު ދިނުމަށް މިއަދު ހިންގި ހަރަކާތުގައި ބިދޭސީން ހުކުރު ދުވަހު އެންމެ ގިނައިން އެއްވާ ޖުމްހޫރީ މައިދާނާއި ސަލްޓަންޕާކްގައި ދިވެހި ރެޑް ކްރެސެންޓުންގެ ވޮލަންޓިއަރުން މިއަދު ހަވީރު 3.00 ން 18.00 އަށް ހަރަކާތްތެރިވެ ވަނީ ޑެންގީ ހުމުގެ މައުލޫމާތު އޮޅުން ފިލުވައިދީފަ އެވެ.

ޖުމްހޫރީ މައިދާނާއި ޕާކްގައި ބިދޭސީންނަށް ޑެންގީގެ މައުލޫމާތު ދިނީ އަޑުގަދަކުރާ ބޭނުންކޮށްގެންނާއި ބައެއް މީހުންނާ ވަކިވަކިން ވާހަކަ ދެއްކުމުގެ އިތުރުން ލީފްލެޓްގެ ޒަރީއާއިނެވެ. މައުލޫމާތު ދިނުމުގައި އިންޑިޔާގެ ތިން ބަހަކާއި ސިންގަޅަ، ނޭޕާލީ އަދި ބަންގްލަދޭޝް ބަސް ވަނީ ބޭނުންކޮށްފަ އެވެ. އެކަމުގައި ބައިވެރިވީ ރެޑްކްރެސެންޓްގެ ބިދޭސީ ވޮލަންޓިއަރުންނެވެ.