27 Apr 2017, 11:07
ޑާކްރެއިން އެންޓަޓެއިންމެންޓުން މި މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރި ކޮމެޑީ ރޮމޭންޓިކް ފިލްމު، "މީ ލޯތްބަކީ"ގެ ޝޯތަކެއް އަންނަ މަހު އައްޑޫގައި ދައްކަން ނިންމައިފި އެވެ.
ފިލްމުގެ ކާމިޔާބު ޝޯތަކެއް މިދިޔަ ހުކުރު ދުވަހުގެ ރެއާ ހަމައަށް އޮލިމްޕަހުގައި ދެއްކުމަށް ފަހު މިހާރު ވަނީ ޝޯތައް މަޑު ޖައްސާލައިފަ އެވެ. އޮލިމްޕަސް ސަރަހައްދު މަގު ހަދާތީ ޝޯތައް ދެން ދައްކަން ފަށާނީ އަންނަ މަހު އެވެ. އަންނަ މަހުގެ 4، 5 އަދި 6 ވަނަ ދުވަހަށް މިހާރު ދަނީ ޓިކެޓް ވިއްކަމުންނެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ މޮގާ ބުނީ، އަންނަ މަހުގެ 10 އިން 13 އަށް އައްޑޫގައި "މީ ލޯތްބަކީ"ގެ ޝޯތަކެއް އަޅުވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ މަރަދޫ މަރަދޫ ފޭދޫ (ބޮޑޮގެ) އަދި ހިތަދޫގައި ހުންނަ އެވްރިވަން ލާނިން ސެންޓަރުގައި ކަމަށް މޮގާ ބުންޏެވެ.
މޮގާ ބުނީ، ފިލްމުގެ ޝޯތައް އަންނަ މަހު މާލޭގައި ފެށުމަށް ފަހު ހދ. ކުޅުދުއްފުށީގައި ވެސް ފިލްމު އަޅުވަން ހަމަޖެހިފައިވާ ކަމަށެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މަންޒަރުތައް ނަގާފައިވާ "މީ ލޯތްބަކީ" އަކީ މިހާރު ފިލްމު އިންޑަސްޓްރީގައި ބާރަށް ފިޔަޖަހަމުން އަންނަ ތަރި މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލް ލީޑު ރޯލު ކުޅެފައިވާ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ އެ ފިލްމުން ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެހެން ތަރިންނާއި މުޅިން އަލަށް ތައާރަފްވާ ތަރިން ފެނިގެންދެ އެވެ.