27 Apr 2017, 09:55
ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ ލަކަރޫނާ އަތުން 6-2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ރެއާލް މެޑްރިޑުން ޓައިލްޓަލް ރޭހުގައި ކުރިއަށްދާ މިސްރާބު ރަނގަޅުކޮށްފިއެވެ.
ލީގު ތާވަލުގެ އެއްވަނައިގައި 78 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތް ނަމަވެސް، ރެއާލުން ވަނީ ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެ، ޕޮއިންޓުގެ ގޮތުން އެޓީމާ އަރައި ހަމަކޮށްފައެވެ. ބާސާއަށް ކުރި ލިބެނީ، ފައިދާ ގޯލްގެ ތަފާތުންނެވެ.
ރެއާލްއާ ޑިޕޯޓިވޯގެ މެޗުގެ ކުރީން، ބާސާ ވަނީ އެޓީމުގެ ހަގީގީ ސްޓައިލްގައި ކުޅެ، އޮސަސޫނާ އަތުން 7-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
ޑިޕޯޓިވޯގެ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގެ ފުރަތަމަ މިނިޓްގައި ރެއާލުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 54 ވަނަ ސިކުންތުގައި ރެއާލަށް އެ ލަނޑު ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ.

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ޑިޕޯޓިޯ ލަ ކަރޫނާ ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗުން ރެއާލް މޮޅުވީ 6-2 ލަނޑުން -- ސަން ފޮޓޯ: އޭޕީ
މެޗުގެ 14 ވަނަ މިނިޓްގައި ހަމޭސް ރޮޑްރިގޭޒް ރެއާލަށް ނަތީޖާ ފުޅާކޮށްދިން ނަމަވެސް، 31 ވަނަ މިނިޓްގައި ޑިޕޯގެ ފްލޮރިން އެންޑޯނޭ ވަނީ އެޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރީން 44 ވަނަ މިނިޓްގައި ލޫކަސް ވަޒްކުއެޒް ވަނީ، ލަނޑެއް ކާމިޔާބުކޮށް 3-1 އަށް ނަތީޖާ ބަދަލުކޮށްފައެވެ.
މެޗުގެ 66 ވަނަ މިނިޓްގައި ރޮޑްރިގޭސް އޭނާގެ ދެވަނަ ލަނޑާއެކު ނަތީޖާ 4-1 ބަދަލުކޮށްލިއިރު، 77 ވަނަ މިނިޓްގައި އިސްކޯ، އަދި އޭގެ 10 މިނިޓްގައި ކަސެމިރޯ ވަނީ ރެއާލްގެ ނަތީޖާ އިތުރަށް ފުޅާކޮށްފައެވެ. ޑިޕޯގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، 84 ވަނަ މިނިޓްގައި ޖޯސްލޫއެވެ.
ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ގެރެތު ބޭލަށް ކުޅުމުގެ ފުރުސަތު ގެއްލުނު އިރު، ކޯޗު ޒައިނުއްދީން ޒިދާން ވަނީ މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަރާމުކުރުމަށް ފުރުސަތުދީފައެވެ. އަދި ބާސާ މެޗުގައި ކެޕްޓަން ސަޖިއޯ ރާމޯސްއަށް ރަތްކާޑު ދެއްކުމުގެ ސަބަބުން ކުޅުމުގެ ފުރުސަތު ގެއްލުނު އިރު، ޒިދާން ވަނީ މި މެޗުގައި އޭނާގެ ފުރަތަމަ ޓީމަށް 9 ބަދަލެއް ގެނެސްފައެވެ.
ލީގުގައި ރެއާލަށް ބާކީ ފަސް މެޗު އޮތް އިރު، ބާސާއަށް އޮތީ ހަތަރު މެޗެވެ. ކުރިއަށް އޮތް މެޗުގައި އަމިއްލަ ދަނޑުގައި ރެއާލުން ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު، ރަށުން ބޭރުގައި ބާސާ ނުކުންނާނީ އެސްޕަންޔޯލާ ދެކޮޅަށެވެ.
ލަލީގައި މި ދެޓީމަށް ކުރިއަށް ހުރި މެޗުތައް
- ރެއާލް:ވެލެންސިއާ (ހޯމް)، ގްރެނާޑާ (އަވޭ)، ސެވިއްޔާ (ހޯމް)، މަލާގާ (އަވޭ)، ސެލްޓަ ވީގޯ (އަވޭ)
- ބާސާ:އެސްޕަންޔޯލް (އަވޭ)، ވިލަރެއާލް (ހޯމް)، ލަސް ޕަލްމާސް (އަވޭ)، އެއިބާރ (ހޯމް)