އިންޑޮނޭޝީއާގައި ވަގުތުން ބްރޯޑްކާސްޓް ކުރަމުންދިޔަ ރަސްމިއްޔާތެއްގައި ޤުރުއާން ކިޔަވާވިދާޅުވަމުން ދިޔަ އެގައުމުގެ މަޝްހޫރު ޤާރީއަކު އަވަހާރަވެއްޖެއެވެ.

އިންޑޮނޭޝިއާގެ ސޯޝަލް އެފެއާސް މިނިސްޓަރު ވެސް ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި ޤުރުއާން ކިޔަވާވިދާޅުވާން ހުންނަވަނިކޮށް އަވަހާރަވީ ޝެއިހް ޖައަފަރު އަބްދުލްރަހްމާން ނަމަކަށް ކިޔާ ޤާރީއެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޝެއިހް ޖައަފަރު ނިޔާވީ، ރަސްމިއްޔާތުގައި އަލް މުލްކު ސޫރަތުގެ އާޔަތްތަކެއް ކިޔަވާވިދާޅުވަމުން ދަނިކޮށް ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި މެޑިކަލް ޓީމްތަކުން އައިސް އޭނާ ސްޓްރެޗަރަކަށް ލައިގެން ގެންދަންދެން ޤުރުއާނުގެ އާޔަތްތައް ކިޔަވާވިދާޅުވަމުން ގެންދެވިކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

އޭނާ ޤުރުއާން ކިޔަވާވިދާޅުވާން ހުންނަވަނިކޮށް އަވަހާރަވި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. (އަރަބް ނިއުސް)