27 Apr 2017, 09:39
ޖައްމޫ (އޭޕްރިލް 27): ކަޝްމީރުގައި އިންޑިއާ އިން ވެރިކަން ކުރާ ސަރަހައްދުގައި އެއް މަސް ވަންދެން ފޭސްބުކް، ޓުވިޓާ އަދި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާގެ ހިދުމަތްތައް ބޭނުން ކުރުން މަނާކޮށްފި އެވެ.
ކަޝްމީރުގެ ސަރުކާރުން ބުނި ގޮތުގައި އެފަދަ ފިޔަވަޅެއް އަޅަން ނިންމީ ހަމަނުޖެހުމަށް ހިތްވަރު ދިނުމަށް، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގެ ބޭނުން ނަހަމަ ގޮތެއްގައި ބޭނުން ކުރަމުން ދާތީ އެވެ.
ކަޝްމީރުގައި މަނާކޮށްފައިވާ އެހެން ސޯޝަލް މީޑިއާ ހިދުމަތްތަކުގެ ތެރޭގައި ޔޫޓިއުބް، ސްކައިޕް، ޓެލެގްރާމް، ސްނެޕްޗެޓް އަދި ރެޑިޓް ހިމެނެ އެވެ.
ކަޝްމީރުގައި އޮތް އިންޑިއާގެ ވެރިކަމާ ދެކޮޅަށް މިދިޔަ އަހަރުގެ ޖުލައި މަހު ކުރި މުޒާހަރާއެއްގައި އެ ސްޓޭޓުގެ މިނިވަން ކަމަށް ވަކާލާތު ކުރުމުގައި އިސްކޮށް އުޅުނު ބުރުހާން ވާނީ މަރާލި ފަހުން ކަޝްމީރުގައި ވަނީ ހަމަނުޖެހުންތައް އިތުރުވެފަ އެވެ.
އަދި މިމަހުގެ ނުވަ ވަނަ ދުވަހު ކުރިއަށް ދިޔަ މުޒާހަރާއެއްގައި އެކަނި ވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އަށް މީހަކު މަރުވި އެވެ. ނަމަވެސް ކަޝްމީރުގެ އާއްމުން ދަނީ އެސްޓޭޓުގައި އޮތް އިންޑިއާގެ ވެރިކަމާ ދެކޮޅަށް ތަކުރާރުކޮށް މުޒާހަރާކޮށް، އިންޑިއާ ސިފައިންނާ ދިމާލަށް ގާ އުކަމުންނެވެ.
އަދި އިންޑިއާ ސިފައިންގެ އުޅަނދުތަކަށް ގާއުކުން ހުއްޓުވުމަށް ޓަކައި، އުޅަނދުގެ ކުރީކޮޅުގައި ކަޝްމީރުގެ މީހަކު ބަނދެގެން އިންޑިއާ ސިފައިންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.
މީގެ އިތުރުން ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެސްޓޭޓުގެ ތިން ސްކޫލެއްގައި ރޯކޮށް، ސިޔާސީ އިސް ތިން ފަރާތެއްގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވާ ކަމަށް އިންޑިއާ ފުލުހުން ބުނެ އެވެ. (ބީބީސީ)