27 Apr 2017, 09:28
ހަމައެއާއެކު އެބޭފުޅެއްގެ ސަރުކާރަކީވެސް ރަނގަޅު ސަރުކާރެއްކަމުގައިވުމެވެ. ސަރުކާރު ރަނގަޅު ނުވެއްޖެނަމަ އިސްލާޙީ ހުރިހާ މަސައްކަތެއް ދާނީ ފަނުފުލުންނެވެ. ނަތީޖާއެއް ނުފެނިއެވެ. ސަރުކާރު ރަނގަޅުކަމުގައިވާނަމަ މުޖުތަމަޢު އިޞްލާހުކޮށް ބިނާކުރުމުގެ ހުރިހާ ވަސީލަތްތަކެއްގެވެސް ނަތީޖާ ދާނީ ހެޔޮގޮތުގައި ފެންނަމުންނެވެ. އެހެންނުވެއްޖެނަމަ މުޖުތަމަޢު ދާނީ ދުވަހެއް ދުވަހަކަށް ނުބައިން ނުބަޔަށް ބަދަލުވަމުންނެވެ.
ޢާއްމުންނަށް ފޯރި އަސަރު
މުޖުތަމަޢުގައި ހެޔޮލަފާ މަދުބަޔަކު ތިބިކަމުގައިވިޔަސް ސަރުކާރުގެ މަސައްކަތުން މުންކަރާތައް ނައްތައިލެވިދާނެއެވެ. މިގޮތުން އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲގެ ޚިލާފަތުގައި އިސްލާމީ މުޖުތަމަޢަށް ފޯރުވި އަސަރު ބަޔާންކުރެއްވުމުގެ ގޮތުން ޢިލްމުވެރިޔަކު ލިޔުއްވައިފައިވެއެވެ.
"ވަލީދު ބުނު ޢަބްދުލް މަލިކަކީ ރީތި ބޮޑެތި ޢިމާރާތްތައް އަޅުއްވަން ވަރަށް ބޮޑަށް ޝައުޤުވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އެހެންކަމުން އޭނާގެ ޒަމާނުގައި މީހުން އެއްވާ އޮޅިއޮޅީގައި ދެކެވުނީ އިމާރާތްކުރުމުގެ ވާހަކައެވެ. ގެދޮރު ފައްކާކުރުމުގެ ވާހަކައެވެ.
ސުލައިމާނު ބުނު ޢަބްދުލް މަލިކަކީ މީރު ފަރީއްކޮޅާއި ކާވެނިފުޅުތަކުގެ ރަސްކަލެކެވެ. އެހެންވެ މީހުން އެއްވާ ވިލިވިލީގައި ދެކެވުނީ މީރު ކާބޯތަކެއްޗާއި އަންހެންކުދީންގެ ވާހަކައެވެ.
ނަމަވެސް ޢުމަރުބުނު ޢަބްދުލް ޢަޒީޒަށް ޚަލީފާކަން ލިބިވަޑައިގެންނެވުމުން ދެނެފަރިތަ ދެމީހަކު ބައްދަލުވެއްޖެނަމަ އެކަކު އަނެކަކާ ކޮށްއުޅުނު ސުވާލުތަކަކީ ރޭގައި ކިތައް ފޮތް ކިޔެވީމު ހެއްޔެވެ؟ ޚަތިމުވަނީ ކޮން މަހަކު ހެއްޔެވެ؟ ރޭގައި ކުރީ ކޮން ޒިކުރުތަކެއް ހެއްޔެވެ؟ މިދިޔަ ހަފުތާގައިވެސް ހޯމަ ބުރާސްފަތީގައި ރޯދަހިފީމު ހެއްޔެވެ؟ މިބާވަތުގެ ސުވާލުތަކެވެ."
އާދެ،މަތީގައިވާ ތަބްޞިރާއަކީ "މީސްތަކުން ވަނީ އެބައިމީހުންގެ ވެރީންގެ ދީންމަތީގައެވެ." ބުނެވޭ ބަސްފުޅުގެ ވަރަށް ފުރިހަމަ ތަޢުބީރެކެވެ. ދެން އަޅުގަނޑު އަވަސް ކަޅިއެއް ހިންގައިލާނީ އަރަހުށި މާތްﷲ އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލް ޢަޒީޒުގެ ވެރިކަމުގެ ދައުރުގައި އުންމަތަށް ބާވައިލެއްވި ބަރަކާތުގެ މައްޗަށެވެ.
ޢުމަރުބުނު ޢަބްދުލް ޢަޒީޒަށް ވެރިކަން ލިބިވަޑައިގަތުމާއިއެކު ޢިލްމުވެރިންގެ ސަމާލުކަމަށް ގެންނެވި އެއްކަމަކީ ޢާއްމުންނަށް ޤުރުއާން ކިޔަވައިދެއްވުމާއި،ޤުރުއާނުގެ އަމުރާއި ނަހީތައް ބަޔާންކޮށްދެއްވުމެވެ. ނަތީޖާއެއްގެ ގޮތުން އުންމަތުގެ ޢާއްމުންވެސް ދީނީ ގޮތުން ރޯފިލިއެވެ. ހޭލުންތެރިކަން ޢާއްމުވިއެވެ. ހަޤީޤީ މާނާގައި ދީންވެރި މުސްލިމުން ގިނަވަމުންދިޔައެވެ. އުންމަތުގެ އަޣުލަބިއްޔަތު ބަރާބަރަށް ނަމާދު ޤާއިމު ކުރާން ފެށިއެވެ. އެންމެންގެ ހިތްތަކުގައިވެސް އާޚިރަތުގެ ބިރު އުފެދުނެވެ. އޭގެ ސަބަބުން މީހުންގެ އުޅުމާއި އަޚްލާޤަށް ހެޔޮބަދަލުތައް އަންނާން ފެށިއެވެ. ޙަރާމް ޙަލާލަށް ރައްކާތެރިވާން ފެށިއެވެ. ފައިދާއެއްނެތް ކުޅިސަމާތަކާ ދުރުހެލިވިއެވެ. މަސްތުވާތަކެތި ބޭނުންކުރުން އިންތިހާއަށް މަދުވިއެވެ. ނުބައިކަމާއި، ފާފާއާއި،މުންކަރާތައް އޮބި،ހެޔޮކަމާއި،ތަޤްވާވެރިކަން ކުރިލައި ހެދޭން ފެށިއެވެ.
ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތައް ދިރުއްވުމަށް ސަމާލުކަން ދެއްވިއެވެ. ނަތީޖާއަކީ އުންމަތުގެ ޚާއްޞުންނާއި ޢާއްމުން ޙަދީޘުފުޅުތައް ހޯދައި އެއްކުރަން ހޭލަމޭލަވާން ފެށުމެވެ. ޙަދީޘުފުޅުތައް ދަސްކުރާމީހުން ގިނަވުމެވެ. މީހުންގެ މެދުގައި އެކަމުގެ ޝައުޤުވެރިކަން އިތުރުވިވަރުން ކޮންމެ ގެއަކީވެސް ޙަދީޘު އެއްކުރުމާއި ދަސްކުރުމުގެ މަސައްކަތް ހިނގާ ގެއަކަށްވުމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފިޤުހީ މަޒްހަބުތަކުގެ އިމާމުންނާއި،ހަދީޘު ފޮތްތައް އެކުލަވައިލެއްވި މުޙައްދިޘުންނަށްޓަކައި ބިން ތައްޔާރުވީ ޢުމަރުބުނު ޢަބްދުލް ޢަޒީޒުގެ މި މަސައްކަތްޕުޅުގެ ސަބަބުންނެވެ.
އުންމަތުގެ ކަންކޮޅުތަކުގައި އެތަންމިތާގައި ހެޔޮކަމުގެ އަހްލުވެރިންގެ ވިލިތަކާއި،އޮޅިތަކުގެ އަށިތައް ޤާއިމުވެ ބައްދަލުވުންތައް ޢާއްމުވިއެވެ. ތަންދޮރުދަންނަ ހެޔޮލަފާ މީހުންނާއި، ހެދިބޮޑުވަމުން އައި ޒުވާން ޖީލުގެ ގުޅުން ބަދަހިވެއެވެ. ޢާލިމުންނާއި ޞާލިޙުންގެ ހެޔޮ އަސަރު ޒުވާނުންނަށް ފޯރާންފެށިއެވެ. ނަތީޖާއެއްގެ ގޮތުން ޒުވާން ޖީލަށް އިސްލާމީ އަޚްލާޤާއި ސުލޫކު ދަސްވެ ހެޔޮލަފާކަން ޢާއްމުވަމުން ދިޔައެވެ. ޢުމަރުބުނު ޢަބްދުލް ޢަޒީޒުގެ ވެރިކަމުގެ ކުރީން އިސްލާމްދީނާ ދުރުވަމުންދިޔަ މީހުން އިސްލާމްދީނާ ދިމާޔަށް ބާރަށް ދުވަމުން އަންނަމުން ދިޔައެވެ.
އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ އިސްލާމީ ލަޝްކަރުތަކުގެ ތަރުބިއްޔަތަށް ސަމާލުކަން ދެއްވުމުން އުންމަތުގެ އެއްކޮޅުން އަނެއްކޮޅަށް އަމަންއަމާންކަން ފެތުރުނެވެ. އޭގެކުރިން އެކި ދިމަދިމާއިން ހުޅުފަޅަމުންދިޔަ ބަޣާވަތުގެ އަލިފާންގަނޑު ނިވި މީސްތަކުން އެކުވެރިވެ އެއްހިތްވިއެވެ.
އަމީރުލް މުއުމިނީން އިސްލާމީ ލަޝްކަރަށް އަމުރުކުރައްވައިފައިވަނީ އިސްލާމްދީނުގެ ދަޢުވަތު ހުށަހަޅައި ހުއްޖަތް ޤާއިމުކުރުމަށް ފަހުގައި މެނުވީ ޣައިރުމުސްލިމު އެއްވެސް ފައުޖަކަށް ހަމަލާ ނުދިނުމަށެވެ. އެހެންކަމުން ޣައިރު މުސްލިމު ސިފައިންނަށް އިސްލާމްދީނުގެ އުސޫލުތަކާއި އެދީނުގެ ފުރިހަމަކަން ދެނެގަތުމަށް ތަންވަޅު ލިބެމުން ދިޔައެވެ. ޣައިރު ރަސްރަސްކަލުންނާ ގުޅުންބަދަހިކުރެއްވުމުން އެބޭފުޅުންގެ ކުރިމަތިފުޅުގައިވެސް އިސްލާމްދީނާ މެދު ފިކުރުހިންގަވައި އުނގެނިވަޑައިގަތުމުގެ ދޮރުހުޅުވުނެވެ. އެހެންކަމުން ޣައިރު މުސްލިމު އެތައް ރަސްރަސްކަލުންނެއް އިސްލާމްވެވަޑައިގެންނެވިއެވެ. ހިންދޫ ވަރަށް ގިނަ ރަސްރަސްކަލުންނާއި، ޓާކުރުންނާއި، މާވަރާއުއްނަހްރުގެ (Transoxiana) ގެ ރަސްރަސްކަލުންނާއި،އުތުރު އެފްރިކާގެ ބަރުބަރު ރައީސުން ކުރެއް އެތައްބަޔަކު އެބޭފުޅުންގެ ރައްޔިތުންނާއެކު އިސްލާމްވެވަޑައިގެންނެވިއެވެ.
އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގެ ކުރިން ޙައްޖާޖުބުނު ޔޫސުފުގެ އަނިޔާވެރި ސިޔާސަތާއި، ނޭކަށޭނަ ގަވަރުނަރުންގެ ސަބަބުން އިސްލާމީ އަޚްލާޤުގެ ރަން އުސޫލުތައް ދުނިޔެއަށް ތައާރަފުވަމުންގޮސްފައިވަނީ ނިކަން ހުތުރު ސިފައެއްގައެވެ. އަސްކަރީ ޚިދުމަތުން އިސްތިސްނާވުމުގެ ޓެކުސް ނަގަމުން އައީ ނުހަނު ބޭއިންސާފު އަނިޔާވެރި ގޮތަކަށެވެ. އިސްލާމީ ޝަރީޢަތާ ވަޑިފަތި ވަރަށް ގިނަ ޓެކްސްތަކެއް ދިޔައީ އެއްކުރެވެމުންނެވެ. ނަމަވެސް ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ އެހުރިހާ ކަންކަން އިސްލާޙުކުރެއްވިއެވެ. އެކަންކަމުގެ ރަނގަޅު މޭވާއެއްގެ ގޮތުން އެތައްހާސް ޣައިރު މުސްލިމުންނެއް އަމިއްލަޔަށް އިސްލާމްވިއެވެ.
ބައިތުލްމާލަށް ތަކެތި ނެންގެވުމާއި ބައިތުލްމާލުން ޚަރަދުކުރެއްވުން އިސްލާމީ އުސޫލުތަކަށް ފައްތަވައި ލެއްވުމުން ކުދިބޮޑު އެންމެންނަށް ބައިތުލްމާލުގެ މަންފާ ލިބެމުންދިޔައެވެ. ރައްޔިތުންނަށް ތިޔާގިކަންލިބުނެވެ. މިހުންގެ އަތްމަތި ތަނަވަސްވީވަރުން ޒަކާތާއި ޞަދަޤާތުގައި ހިފާމީހަކު ފެނޭތޯ ބަލައި ހޯދިޔަސް އެފަދަ މީހަކު ފެނުމަކީ ނާދިރުކަމަކަށްވިއެވެ.
އެއްފަހަރަކު މަދީނަތުލް މުނައްވަރާގެ ޖަމާޢަތެއް ޚަލީފާގެ ފައިންޕުޅު ދުށުމަށްޓަކައި ދިމިޝްޤަށް ޒިޔާރަތްކުރިއެވެ. އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ އެބައިމީހުން ކުރެން މަދީނާގެ މިސްކީނުންގެ ޙާލު އެއްސެވުމުން އެބައިމީހުން ދެންނެވިއެވެ. އިހަށް ސަލާންޖަހާން މަގުމަތީގައި އުޅުނުމީހުން މިހާރު އެކަންތައް ހުއްޓާލައިފިއެވެ. އެމީހުން އިށީދެ ތިބޭ ތަން ދޫކޮށްލައިފައި ހިނގައްޖެއެވެ.
އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ވަރަށް ޚާއްޞަ ގަވަރުނަރެއް ކަމުގައިވާ އަދީ ބުނު އިރްޠާތު އެއްފަހަރަކު ލިޔުއްވިއެވެ. ބަޞަރާގެ ޢާއްމުންނަށް ތަނަވަސްކަން ލިބިފައިވާ ވަރުން އެބައިމީހުން ބޮޑާވެދާނެތީ އަޅުގަނޑު ބިރުންގަންނަވަރުވެއްޖެއެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ޖަވާބުދެއްވިއެވެ. މާތްﷲ އަށް ޝުކުރުދަންނަވަން ރައްޔިތުންނަށް އަންގާށެވެ. އެންމެންވެސް ގިނަގިނައިން އަލްޙަމްދުލިﷲ އެވެ ކިޔަން އަންގާށެވެ. ސުވަރުގެވަންތަވެރީންގެ ކިބައިންވެސް ﷲ ރުހިވޮޑިގެންވަނީ އެހެން ކިޔުމެވެ.
މިމޭރުން ވަރަށް ގިނަ ވާހަކަތަކެއް ލިޔެވޭން ހުރުމާއެކުވެސް އެވާހަކަތައް ކުރުކޮށްލުމަށްފަހު އަޅުގަނޑު މަތިމަތީން ބަލައިލާނީ ކައުސާހިބާ ޞައަލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘުފުޅެއްގެ މައްޗަށެވެ. އެޙަދީޘުފުޅާމެދު ޢިލްމުވެރިން ފާޅުކުރައްވައިފައި ޚިޔާލުފުޅުގެ މައްޗަށެވެ. މިދަންނަވާ ހަދީޘުފުޅަކީ އެއްނަޒަރަކުން ބަލާއިރު ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވައިފައިވާ ނިމުތެކެވެ. އިތުރުސާހިބާ އެނިމުތު ދެއްވައިފައިވަނީ ޢަދީ ބުނު ޙާތިމު ރަޟިޔަﷲ ޢަންހުއަށެވެ. ޢަދީ ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަންނަށް ހަދީޘުކުރެއްވިއެވެ.
" ޢަދީއެވެ. ޙީރަތެވެ ކިޔުނު ރަށް ދެކެވަޑައިގެންނެވީމުތޯއެވެ. އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު އެރަށެއް ނުދެކެމެވެ. އެކަމަކު އެރަށުގެ ވާހަކަ އަޑުއަހަމެވެ. ވިދާޅުވިއެވެ. ކަލޭގެފާނު ދުވަސްކޮޅު ދުނިޔޭގައި ހުންނަވައިފިނަމަ ދެކެވަޑައިގަންނަވާނޫއެވެ. މިދީނުގެ ކަންތައްތައް ފުރިހަމަވެގެން ދާއިރު އެރަށުގެ އެކިއެކި އަންހެނުން އެއްވެސް ބިރުވެރިކަމަކާއިނުލައި އެކަނި ދަތުރުކޮށްފައި އައިސް ކަޢުބަތުﷲ ގައި ޠަވާފުކޮށް އުޅޭނެއެވެ. މާތްﷲގެ ރަސްކަންފުޅު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެކަނބަލުންގެ ހިތްތަކުގައި ކުޑަވެސް ބިރުވެރިކަމެއް ނޯންނާނެއެވެ. ކަލޭގެފާނު ދުވަސްކޮޅަކު ދުނިޔޭގައި ހުންނަވައިފިނަމަ މުސްލިމުން ކިސްރާގެ ޚަޒާނާތައް ފަތަޙަކޮށްގެން ހިތަކަށް އުޅޭތަން ދެކެވަޑައިގަންނަވާނޫއެވެ. ކަލޭގެފާނު ދުވަސްކޮޅަކު ދުނިޔޭގައި ހުންނަވައިފިނަމަ ދެކެވަޑައިގަންނަވާނޫއެވެ. މީހުން މުށްފުރައި ރަން ނުވަތަ ރިހި ހިފައިގެން އެތަކެތި ޤަބޫލުކުރާނެ މީހަކުވޭތޯ ހިނގާނެއެވެ. އެކަމަކު އެތަކެތި ޤަބޫލޫކުރާނެ މީހަކު ނުފެންނާނެއެވެ."
ކައުސާހިބާ ޞައަލަﷲ ޢަލައިހިވަސައްލަމަގެ ހަދީޘުފުޅުތައް ކިރުއްވައި ވަޒަންކުރެއްވި ދަރަޖަ މަތިވެރި ޢިލްމުވެރީންކުރެ ބައެއް ބޭކަލުން ވިދާޅުވާގޮތުގައި މިޙަދީޘުފުޅުގައިވާ ތިން ނިމުތުގެ ތެރެއިން ދެނިމުތުވަނީ ޢަދީ ބިން ޙާތިމު ރަޟިޔަﷲ ޢަންހުގެ ހަޔާތްޕުޅުގައި ފުރިހަމަވެފައެވެ. ތިންވަނަ ނިމުތު ފުރިހަމަވީ އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގައެވެ. އެކަލޭގެފާނު ގަވަރުނަރުންގެ އަރިހަށް ސަދަޤާތްކޮށްދެއްވުން އެދި އެތައް ބައިވަރު މުދާތަކެއް ހިފައިގެން މީހުން ގޮސް އުޅުނެވެ. ނަމަވެސް އެމުދާ ޤަބޫލުކުރާނެ ބަޔަކު ނުވާތީ ގަވަރުނަރުން އެތަކެތި އަނބުރާ ފޮނުއްވައިލައްވަނީއެވެ. ކައުސާހިބާ ދެއްވައިފައިވާ ތިންވަނަ ނިމުތު ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲގެ ޚަލީފާކަމުގައި ފާޅުވެ ފުރިހަމަވުމުން ޙަދީޘުގެ ޢިލްމުވެރިންކުރެ އަރާތިއްބެވި އެތައް ބޭކަލުންނެއްވަނީ އެކަލޭގެފާނަކީ ތެދުމަގު ލިބިވަޑައިގެން ހުންނެވި ފަސްވަނަ ޚަލީފާކަމުގައި ކަނޑައަޅުއްވައިފައެވެ. އެކަލޭގެފާނު ޚަލީފާކަމާއި، އެކަލޭގެފާނަށް ޚަލީފާކަން ލިބިވަޑައިގެންނެވި ގޮތަކީ އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން ހިމެނޭކަންކަމުގައި ކަނޑައަޅުއްވައި އެކަލޭގެފާނުގެ އަބްޤަރީ ޝަޚްޞިއްޔަތަކީ އިސްލާމްދީނުގެ މުޢުޖިޒާ ތަކުގެ ތެރެއިން މުއުޖިޒާއެއް ކަމުގައި ލިޔުއްވާފައިވެއެވެ. މިގޮތުން މުސްލިމުންގެ އަބްޤަރީ ޝަޚްޞިއްޔަތުތަކުގެ ހަޔާތްޕުޅުގެ މައްޗަށް ފޮތްތައް ލިޔުއްވި އަފޫރައްބަ ޢިލްމުވެރިންކުރެ އެތައް ބޭކަލުންނެއްވަނީ މުއުޖިޒަތުލްއިސްލާމް: ޢުމަރުބުނު ޢަބްދުލް ޢަޒީޒު މިމައިގަނޑު ނަމުގައި ފޮތްލިޔުއްވައިފައެވެ. އެފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ފޮތަކީ ކީރިތި ޤުރުއާނުގެ އަދީބުގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ ކުޅަދާނަ އަދީބު އަލްއުސްތާޛު ޢައްބާސް މަޙްމޫދު އަލްޢައްޤާދު ލިޔުއްވި މުއުޖިޒަތުލް އިސްލާމް: ޢުމަރުބުނު ޢަބްދުލް ޢަޒީޒު މިފޮތެވެ.
ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲގެ ޚަލީފާކަމުގައި އަރަހުށި މާތްﷲ މިއުންމަތަށް ބާވައިލެއްވި ރަޙްމަތާއި ބަރަކާތުގެ ސަބަބުން ތުއްތު ކުދީންނަށް ދާންދެން ވަނީ މުއްސަދިވެފައެވެ. އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ ނިޢުމަތަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވެފައެވެ.
"މާތްﷲ ޙައްޖާޖު ބިން ޔޫސުފަށް ލަޢުނަތްލައްވާށިއެވެ. އޭނާގެ ކިބައިގައި ދީނީ ލިޔާޤެއް ނެތް ފަދައިން ދުނިޔަވީ ހިންގުންތެރިކަމެއްވެސް ނެތެވެ. ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ އަންޙު އިރާޤުން އަހަރަކު ދިހަ ކުރޯޑު ދިރުހަމަށްވުރެ ބޮޑު އާމްދަނީއެއް ހޯއްދެވިއެވެ. ޒިޔާދުބުނު ސުމައްޔާވެސް ދާދި އެހާކަންހާ ވަރުގެ އާމްދަނީއެއް ހޯއްދެވިއެވެ. ނަމަވެސް ޙައްޖާޖަށް އަނިޔާވެރިކަމުގެ އޮބިއަޅައިގެންވެސް ތިން ކްރޯޑު ދިރުހަމުވެސް ހަމައެއް ނުކުރެވުނެވެ. އޭނާވަނީ ޢިރާޤުވީރާނާ ކޮށްލައިފައެވެ. ޢިރާޤު އަހަރެންގެ ވެރިކަމުގެ ދަށަށް އައީ އެވީރާނާ ކަމާއެކުގައެވެ. އެކަމަކުވެސް އަހަރެން ދިހަކުރޯޑު ދިރުހަމަށްވުރެ ބޮޑު އާމްދަނީއެއް ހޯދީމެވެ. މާތްﷲ ރަޙްމަތްފުޅާއެކު އަހަރެން ދުނިޔޭގައި ހުރެއްޖެނަމަ ޢުމަރު ބުނުލް ޚައްތާބަށްވުރެ ބޮޑު އާމްދަނިއެއް ހޯދާނަމެވެ."
އާދޭހެވެ. ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ ވަނީ މުސްލިމުންގެ ހިތްތަކުގައި އީމާންކަން ތާޒާކުރައްވައިފައެވެ. އެކަލޭގެފާނުގެ ޒަމާނުގައި މުސްލިމުންގެ މަޤްޞަދަކީ އަރަހުށި މާތްﷲ ސުބުޙާނަހޫ ވަތައާލާގެ ރުހިވޮޑިގަތުން ހޯދުމެވެ. ޘަވާބުލިބޭނެ ކަންކަން ހޯދައިލިބިގަތުމެވެ. އޭރުގެ މުސްލިމުން ޒަކާތާއި،ޢުޝްރާއި، ޞަދަޤާތް ނެރެ އުޅުނީ ހިތުން ރުހުމުންނެވެ. ހަމައެއާއެކު އިސްލާމީ އެހީތެރިކަމުގެ ބައި ޤަވާއިދުން އަދާކުރަމުން ގެންދިޔައެވެ. ނިކަމެތިންނާއި، ފަޤީރުންނާއި،މިސްކީނުންނާއި، ގާތްތިމާގެ މީހުންގެ ހައްޤުތައް ދީލަތި ހިތްތަކާއެކު އަދާކުރަމުން ގެންދިޔައެވެ. ނަތިޖާއެއްގެ ގޮތުން އަރަހުށި މާތްﷲ މުސްލިމުންގެ މައްޗަށް އޯގާވަންތަކަމުގެ ބެއްލެވުމުން ބައްލަވައި ވޮޑިގެންނެވިއެވެ. މުސްލިމުންގެ މައްޗަށް އެކަލާނގެ ރަޙުމަތާއި ބަރަކާތުގެ ވާރޭ ވެއްސެވީ ނުހަނު ދީލަތިވަންތަ ގޮތެއްގައެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ މުސްލިމުންގެ ބިންތައް ނުހަނު ޤާބިލުކަމާއެކު މިނުއްވައި ބިންތައް ދިރުއްވުމުގެ މަސައްކަތްޕުޅު ހިންގައިލެއްވުމުން އެބިންތަކުގެ "ރަން" ފައިދާވާން ފެށީ ވަކި ސުމާރެއް ބަލައިގެނެއް ނޫނެވެ.
އަރަހުށި މާތްﷲ އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލް ޢަޒީޒަށް ރަޙްމަތްލައްވާށިއެވެ. އާމީން
(ނިމުނީ)