27 Apr 2017, 08:51
ދުނިޔޭގެ ގައުމުތަކުގައި ބޭނުންކުރާ ފައިސާގެ ނޫޓުތަކުގެ ތެރެއިން ހުރިހާ ގޮތަކުން ވެސް އެންމެ ފާހަގަ ކޮށްލެވޭ ފައިސާ ނޫޓްތަކުގެ ތެރެއިން ދެވަނަ ރާއްޖޭގެ 1،000 ރުފިޔާގެ ނޫޓަށް ލިބިއްޖެއެވެ.
އިންޓަނޭޝަނަލް ބޭންކްނޫޓް ސޮސައިޓީ (އައިބީއެންއެސް)ގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން ކޮންމެ އަހަރަކު ދޭ އަހަރުގެ ފައިސާ ނޫޓުގެ އެވޯޑުގެ މިދިޔަ އަހަރުގެ ދެވަނަ ރާއްޖޭގެ 1000 ރުފިޔާގެ ފައިސާނޫޓަށް ލިބިފައިމިވަނީ، އެ އެވޯޑަށް ނޮމިނޭޓްވި 18 ގައުމެއްގެ ފައިސާ ނޫޓާ ވާދަކޮށެވެ.
ރާއްޖޭގެ އިތުރުން އެވޯޑްގެ ރަނަރަޕް ވަނީ އިތުރު ދެ ގައުމަކަށް ލިބިފައެވެ. އެއީ އާޖެންޓީނާގެ 500 ޕޭސޯ ނޫޓް އަދި ރޯޔަލް ބޭންކް އޮފް ސްކޮޓްލޭންޑުގެ ފަސް ޕައުންޑް ނޫޓަށެވެ.
މިދިޔަ އަހަރުގެ ފައިސާނޫޓުގެ އެވޯޑް ލިބުނީ، މިދިޔަ އަހަރު އަލަށް ތައާރަފް ކުރި ސްވިޒަލޭންޑުގެ 50 ފްރޭން ބޭންކު ނޫޓަށެވެ.

މިދިޔަ އަހަރުގެ ފައިސާނޫޓުގެ އެވޯޑް ލިބުނު ސްވިޒަލޭންޑުގެ 50 ފްރޭން ބޭންކު ނޫޓު --
އައިބީއެންއެސް އިން އަހަރުގެ ފައިސާ ނޫޓު ހޮވުމުގައި، އަހަރުގެ ބޭންކްނޫޓް އެވޯޑަށް ނޮމިނޭޓްވާ ފައިސާގެ ނޫޓަކީ އެވޯޑް ދޭ އަހަރުގައި އާއްމުންނަށް މުޅިން އަލަށް ތައާރަފްކޮށް، ގައުމުގައި ދައުރުވާ ފައިސާގެ ނޫޓަކަށް ވާންޖެހެއެވެ.
އަދި އާޓިސްޓިކް ގޮތުން ފުރިހަމަ އަދި ވަރުގަދަ ޒަމާނީ ސަލާމަތީ ފީޗާސްތަކެއް އެ ނޫޓުގައި ހިމެނެން ޖެހޭނެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ދިވެހި ފައިސާގެ އާ ނޫޓު ސީރީސް "ރަންދިހަ ފަހެއް"ގައި އަލަށް ތައާރަފްކުރި 1000 ރުފިޔާގެ ނޫޓުގެ މައިގަނޑު މައުލޫއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.
ފެހުރިހީގެ ބުރަކަށިމަތީގައި ހުންނަ ޕެޓާން އިން ހަދާފައިވާ ޑިޒައިނަކުން ފެނިގެންދަނީ ކަނޑުފަޅުގެ މުއްސަނދިކަމާއި ދޮންވެލި ގޮނޑުދޮށާއި ގުދުރަތީ ރީތިކަމެވެ. އެ ނޫޓުގެ އެއްފަރާތުން ވެލައާ އާއި އެންމަޑީގެ މަގުބޫލުކަން ދައްކުވައިދޭއިރު އަނެއް ފަރާތުގައި ދައްކުވައިދެނީ ފެހުރިއްސެކެވެ.
އައިބީއެންއެސް އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި 120 އަށްވުރެ ގިނަ ބޭންކުނޫޓް ތައާރަފްކޮށް ނެރެފައިވާ ކަމަށެވެ.
އައިބީއެންއެސް 1961 އަހަރުން ފެށިގެން ދެމުން އަންނަ އަހަރުގެ ފައިސާ ނޫޓް އެވޯޑް 2015 ވަނަ އަހަރު ލިބުނީ ނިއު ޒިލޭންޑުގެ 50 ޑޮލަރުގެ ނޫޓެވެ. އޭގެ ކުރިން ތިން އަހަރު ކަޒަކިސްތާނުގެ 1000 އާއި 5000 އަދި 10000 ޓެންގެ ނޫޓު އެވޯޑް ހޯދިއިރު 2010 ވަނަ އަހަރު، އަހަރުގެ ފައިސާގެނޫޓްގެ އެވޯޑް ހޯދީ އުގަންޑާގެ 50،000 ޝިލިން ނޫޓެވެ.