ސްޕެނިޝްލީގުގެ އެންމެ ފުލުގައި އޮތް އޮސަސޫނާ، ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް ބާސެލޯނާ ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ބާސެލޯނާއިން އޮސަސޫނާ ބަލިކުރީ 7-1 ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ވޭތުވެދިޔަ އަހަރުގެ ލީގު ޗެމްޕިއަން ބާސާ ވަގުތީ ގޮތުން ތާވަލްގެ އެއްވަނައަށް އަރާފައި މިވަނީ ކުރިން އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު ގިނައިން ކުޅެ 78 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި ބާސާއަށް ލީޑުނަގައިދިނީ އެ ޓީމުގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއެވެ. މެޗުގެ 12 ވަނަ މިނިޓްގައި އޭނާ ކާމިޔާބުކުރި މި ލަނޑަކީ ބާސެލޯނާއަށް އޭނާ ޖަހައިދިން 501 ވަނަ ލަނޑެވެ.

ބާސާ ރޭގެ މެޗަށް ނުކުތް އިރުވެސް އެ ޓީމުގެ ސަޕޯޓަރުންވަނީ މެސީ ލީގުގައި ހަމަކުރި 500 ގޯލުގެ އުފާފާޅުކުރުމަށް ތަފާތު ހަރަކާތްތައް ސްޓޭޑިއަމްގައި ކުރިއަށްގެންގޮސްފައެވެ.

ބާސެލޯނާ އަދި އޮސަސޫނާ 27 އޭޕްރީލް 2017 ވަނަ ދުވަހު ސްޕެނިޝްލީގުގައި ބައްދަލު ކުރި މެޗުގެ ތެރެއިން--ފޮޓޯ/ބީބީސީ

މެސީގެ ލަނޑަށްފަހު ބާސާއަށް ލީޑު ފުޅާކޮށްދިނީ އަންދްރޭ ގޮމޭސްއެވެ. މެޗުގެ 30 ވަނަ މިނިޓުގައި އެލަނޑު އޭނާ ކާމިޔާބުކުރި އިވާން ރަކިޓިޗް ފަހިކޮށްދިން ފުރުޞަތަކުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން 48 ވަނަ މިނިޓްގައި އޮސަސޫނާއިން ވަނީ ބާސާކޮޅަށް ލަނޑެއް ޖަހައިފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ޓޮރޭސްއެވެ.

ބާސާއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 57 ވަނަ މިނިޓްގައި އަންދްރޭ ގޯމޭސްއެވެ. ގޮމޭސް ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ މެސީ ވަނީ އަނެއްކާވެސް ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އޭނާ ޖެހުމަށް އެހީވީ ރަކިޓިޗެވެ.

ބާސާއަށް ފަސްވަނަ ގޯލް ކާމިޔާބުކޮށްދިނީ ޕާކޯ އަލްކެސާއެވެ. އޭނާ އެލަޑު ޖެހީ މެޗުގެ 64 ވަނަ މިނިޓްގައި ހާވިއާ މަޝަރާނޯ ފަހިކޮށްދިން ފުރުސަތަކުންނެވެ. ބާސާއަށް ހަވަނަ ގޯލް ކާމިކިޔާބުކޮށްދިނީ މަޝެރާނޯއެވެ. މިއީ އެނާ ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މަޝަރާނޯގެ ލަނޑަށްފަހު ބާސާއަށް ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕާކޯ އަލްކޭސާއެވެ.