ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީން ބޭނުންކުރަން ނިންމާފައިވާކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ޒިންމާއަކީ މެޗުގެ ތެރޭގައި ރެފްރީ ނިންމާ މުހިއްމު ނިންމުންތަކަކީ ރަނގަޅަށް ނިންމި ނިންމުމެއްތޯ ބަލައި ވީޑިއޯގެ އެހީގައި އެކަން ޔަގީންކޮށްދިނުމެވެ. މިގޮތަށް ވީޑިއޯގެ އެހީގައި ގޯލް، ރަތްކާޑު އަދި އެ ނޫންވެސް މުހިއްމު ނިންމުތައް ބަލައި، ޕެނަލްޓީ ފަދަ، މެޗުގެ ނަތީޖާ ބަދަލުކޮށްލަން ލިބޭ ފުރުޞަތުތައް ވަރަށް ރަނގަޅަށް މޮނީޓާކުރާނެއެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ވީޑީއޯ ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ބޭނުން ކުރަން ނިންމާފައިވާކަން ޔަގީންކޮށްދެމުން އިންފަންޓީނޯ ވިދާޅުވީ އެ ނިޒާމާމެދު މިހާތަނަށް ލިބުނީ މުޅިންވެސް ރަނގަޅު ފާޑުކިޔުންތައްކަމަށާއި އެހެންކަމުން އެ ނިޒާމް ބޭނުން ކުރަން ނިންމީ ކަމަށެވެ.

" މިހާތަނަށް އެންމެންވެސް ބުނީ އެ ނިޒާމް ރަނަގަޅޭ. އެހެންވިމާ ފީފާއިން މި ނިންމީ ރަޝިޔާގައި އޮންނަ ވޯލްޑްކަޕްގައި ވީޑިއޯރެފްރީން ބޭނުންކުރަން،" އިންފަންޓީނޯ ވިދާޅުވިއެވެ.

ވީޑިއޯ އެސިސްޓެންޓް ރެފްރީ ޓެކްނޮލޮޖީ އެންމެ ފުރަތަމަ ފީފާ މުބާރާތެއްގައި ބޭނުން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަޕާނުގައި ބޭއްވި ފީފާ ކުލަބް ވޯލްޑްކަޕްގައެވެ.

އަދި އެންމެ ފަހުން އެ ނިޒާމް ބޭނުންކޮށްގެން ސްޕެއިން އަދި ފްރާންސް ކުޅުނު މެޗެއްގައި ވަނީ ދެފަހަރެއްގެ މަތިން ރެފްރީއަށް ހެދުނު ގޯސް ރަނގަޅުކޮށްދީފައެވެ.

ވޯލްޑް ކަޕްގައި ވީޑިއޯ އެސިސްޓެންޓް ރެފްރީން ބޭނުންކުރަން ނިންމާފައިވާއިރު އިނގިރޭސީންވެސް ދަނީ އެ ގައުމުގެ ލީގުތަކުގައި މި ނިޒާމް ބޭނުންކުރަން ތައްޔާރުވަމުންނެވެ.