26 Apr 2017, 23:03
ރާއްޖޭގެ ތަޖުރިބާކާރު ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ކުޅުނު ކުޑަހުވަދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕް، ޒޯން ފަހެއްގެ ޗެމްޕިއަންކަންހޯދައިފިއެވެ.
ކުޑަހުވަދޫ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ. ވ. ފުލިދުއާ ބައްދަލުކޮށް 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެންވެސް މޮޅަށް ކުޅެމުންދިޔަ ކުޑަހުވަދޫ ޓީމުން ލީޑު ނެގީ ހަތަރުވަނަ މިނިޓްގައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިރުފާން އާދަމް ނަސީރު އެވެ. ލަނޑަށްފަހުވެސް ކުޑަހުވަދޫ ޓީމުން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު އިރު އެޓީމުގެ ފޯވަޑް ލައިނުން ގޯލެއްޖެހޭތޯ ކުރި މަސައްކަތުގެ ހުރަހަކަށްވީ ފުލިދޫ ޓީމުގެ ޑިފެންސެވެ. މި މެޗުގައި ފުލިދޫ ޓީމުގެ ޑިފެންސް ފެނުނީ ވަރަށް އޮގަނައިޒްކޮށެވެ.
ކުރިން ގައުމީޓީމުގައި މަސައްކަތްކޮށްފައިވާ، އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކަލްބަށް ވެސް ކޯޗުކޮށްދީފައިވާ މޯހަންގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ ކުޑަހުވަދުއަށް ލީޑުފުޅާވެގެންދިޔައީ މެޗުގެ 32 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ފުލިދޫ ކުޅުންތެރިން އެޓީމުގެ އޭރިއާ ތެެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިސްމާއިލްއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ކުޑަހުވަދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެންވެސް ކުޑަހުވަދޫ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބުނު ނަމަވެސް ނަސީބު ކަންދިމާ ކުރި ގޮތުން ފަހުހާފުގެ ބޮޑުބައެއް ދިޔައީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ކުޑަހުވަދޫން ވަނީ މެޗުގެ 76 ވަނަ މިނިޓްގައި އިތުރު ލަނޑެއްޖަހައި 3-0 އަށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ މުހައްމަދު އިސްމާއިލްއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަތަރުވަނަ ލަނޑު ކުޑަހުވަދޫ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުރިން ދެ ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު އިސްމާއީލެވެ. އޭނާ ހެޓްރިކް ހެދި ލަނޑު ކާމިޔާބުކުރީ މެޗުގެ 90 މިނިޓް ހަަމަވެ، އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
އެެ ނަތީޖާއާއެކު ކުޑަހުވަދުއަށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ލިބުނު އިރު އެޓީމުވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ. މިއަދު ކުޑަހުވަދޫ ދަނޑުގައި ކުޅުނު މެޗު ބަލަން އެރަށުގެ ގިނަ އަދެއްގެ ސަޕޯޓަރުންވަނީ ދަނޑަށް ގޮސްފައެވެ.