ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭ ގައި ރޭ ބޮލީވިއާއާއި ދެކޮޅަށް ކޮސްޓަރިކާ ކުޅުނު މެޗް 2-0 ލަނޑުން ކޮސްޓަރިކާ ކާމިޔާބު ކޮށް، ގްރޫޕްގެ ދެ ވަނަ މަޤާމް ކަށަވަރު ކޮށްފި އެވެ.

ރޭ ރާއްޖެ ގަޑިން ދަންވަރު 3:15 ގައި ކުޅުނު މެޗް ކޮސްޓަރިކާއިން ކާމިޔާބުކޮށް ގްރޫޕްގެ ދެ ވަނާގައި އެޓީމް އޮތީ ތިން ޕޮއިންޓާއެކު އެވެ. ގްރޫޕްގެ އެއްވަނާގައި ހަތަރު ޕޮއިންޓާއެކު ކޮލަމްބިއާ އޮތް އިރު، މުބާރާތް ބާއްވާ އަދި މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ގަދަފަދަ އާޖެންޓީނާ އޮތީ ކުޅުނު ދެ މެޗުން ވެސް އެއް ވަރުވެ، ދެ ޕޮއިންޓާއެކު ތާވަތްގެ ތިން ވަނާގަ އެވެ. އަދި ގްރޫޕްގެ އެންމެ ފުލުގައި އޮތް ބޮލީވިއާ އަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

ކޮލަމްބިއާއާއި ވާދަކޮށް ކޮސްޓެރިކާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 1-0 ލަނޑުން ބަލިވި މެޗަށް ފަހު އެޓީމްގެ ކޯޗް ކުރިން ބުނެފައި ވަނީ، ދެ ވަނަ ބުރުގައި ބޮލީވިއާއި ދެކޮޅަށް ނިކުންނާނީ މެޗް ކާމިޔާބު ކޮށް ތިން ޕޮއިންޓު ހޯދުމުގެ އުންމީދުގައި ކަމަށާއި ގްރޫޕްގައި ދެންތިބި ޓީމްތަކަށް މިސާލެއް ދައްކާލުމަށް ޓަކައި ކަމަށެވެ.

އެގޮތުން ރޭ ބޮލީވިއާ އާއި ބައްދަލުކޮށް 2-0 ލަނޑުން މޮޅުވި މެޗަށްފަހު ކޮސްޓެރިކާގެ އާޖެންޓީނާ ކޯޗް އެންޓޯނިއީ ބުނީ، މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމުގެ އުންމީދުގައި ކަމަށާއި ނުކުތުމުގެ ކުރިން އަނިޔާގެ މައްސަލަތަކެއް ގިނަ ކުޅުން ތެރިންނަށް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް މެޗް ފުރަތަމަ ހާފަށް ވުރެ ދެވަނާފާގައި ޓީމް ދެއްކި ކުޅުމާމެދު ހިތް ހަމަ ޖެހޭ ކަމަށް ވެސް ކޯޗް އެންޓޯނިއޯ ބުންޏެވެ.

"ކުޅުން ވަރަށް ފުރިހަމަ. މިލިބުނު ނަތީޖާގެ ހިތް ވަރާއެކު އިތުރު ކުރިއެރުމެއް ޓީމަށް މިވަނީ ލިބިފަ. އުންމީދު ކުރަނީ އަބަދު ވެސް އެންމެ ފަހު މަރުހަލާ ކާމިޔާބު ކުރަން. އެކަން ހާސިލް ކުރުމަށް ޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ކޮސްޓެރިކާގެ އާޖެންޓީނާ ކޯޗް އެންޓޯނިއީ ބުންޏެވެ.

ބޮލީވިއާ އާއި ދެކޮޅަށް ކޮސްޓެރިކާ ރޭ ކާމިޔާބު ކުރި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އެޓީމުން ޖަހާފައި ވަނީ މެޗްގެ 59 ވަނަ މިނެޓްގައި ޖޭ މާޓިނެޒް އެވެ. އަދި އެޓީމްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރިއިރު، އިދިކޮޅު ބޮލީވިއާގެ ދެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެގޮތުން މެޗްގެ 79 ވަނަ މިނެޓްގައި ކްސްޓެރިކާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ޖޭ ކޭމްޕްބެލް އެވެ.

މިމުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕް ސީ ގެ ދެމެޗެވެ. ފުރަތަމަ މެޗްގައި ރާއްޖެގަޑިން ދަންވަރު 3:15 ގައި ބައްދަލުކުރާ ދެޓީމަކީ އުރުގުއޭ އާއި ޗިލީއެވެ. މިރޭގެ މެޗަށް މިދެޓީމް ނުކުނައިރު، ޗިލީ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި މެކްސިކޯއަތުން 2-1 ލަނޑުން މޮޅުވެފަ އެވެ. އެހެންކަމުން އެޓީމް ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށް ގްރޫޕްގެ އެއް ވަނާގައެވެ. ދެ ވަނަ މެޗްގައި މިރޭ ފަތިހު 5:45 ގައި ބައްދަލުކުރާ ދެޓީމަކީ ޕެރޫއާއި މެކްސިކޯއެވެ.