26 Apr 2017, 22:41
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލާއި އޭޝިއަން މެނޭޖްމަންޓް އިންސްޓިޓިއުޝަން ފޯ ޑިވެލޮޕްމަންޓް އިން ސައުތު އޭޝިއާ (އަމްޑީސާ) ގުޅިގެން ބޭއްވި 14 ވަނަ ސައުތު އޭޝިއަން ފޯރަމް މިއަދު ނިންމާލައިފިއެވެ.
އެ ފޯރަމް ކުރިއަށް ގެންގޮސްފައި މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބަނޑޮސް މޯލްޑިވްސްގަ އެވެ.
މިއަހަރުގެ ފޯރަމްގައި ކަނޑައަޅާފައި ވަނީ ވެރިކަން ހިންގުމުގެ ދާއިރާ އާއި މެނޭޖުމަންޓު ފެންވަރުގައި އާންމު އުސޫލުތައް ކަނޑައެޅުމާ ގުޅޭ ގޮތުންނެވެ.
ދެ ދުވަހަކަށް ބަހާލައިގެން ބަނޑޮސް އައިލެންޑްގައި ކުރިއަށް ގެންދިޔަ އެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ޔުނިވަސިޓީގެ ޑީން ޝާތިފް އަލީ ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުގެ މެނޭޖްމެންޓްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މިފަދަ ފޯރަމެއްގެ ސަބަބުން ކުރިއަށް ދިއުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.
އެފަދަ ފޯރަމެއްގައި ބައިވެރިވުމުގެ އެންމެ ބޮޑު ބެނުމަކީ މަތި ތައުލީމު ހާސިލް ކޮށްދޭ މުއައްސަސާތަކުގެ ލެކްޗަރާއިން، އެއް ފުރާޅެއްގެ ދަށުގައި ތިބެ މަޝްވަރާ ކުރެވޭނެ ފަދަ ފުރުސަތުތަކެއް ހޯދައި ދިނުން ކަމުގައި ވެސް ޝާތިފް ވިދާޅުވިއެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގެ ވެރިކަމުގެ ހިންގުމުގެ ނިޒާމާއި އާންމު އުސޫލުތަކާ ބެހޭ ގޮތުން އެ ފޯރަމުގައި ސައުތު އޭޝީއާގެ އަށް ގައުމަކުން 90 އަށްވުރެން ގިނަ މީހުން ބައިވެރިވެފައިވެ އެވެ.
އެ ފޯރަމްގައި ރާއްޖެއިން ބައިވެރިވި އާމިނަތު ސުދާ "ސަން"އަށް ވިދާޅުވީ، ތަފާތު އެކިއެކި ގައުމުތަކުގެ ޔުނިވާސިޓީތަކުން މައުލޫމާތު ހިއްސާކޮށްފައިވާއިރު އެއީ ލިބިގެންދިޔަ މުހިންމު މައުލޫމާތުތަކެއް ކަމަށެވެ.
އަދި ދެވަނަ ފަހަރަށްވެސް މިފަދަ ފޯރަމެއް ބޭއްވިއްޖެނަމަ ކާމިޔާބު ވާނެކަމަށް ޝާތިފް ވިދާޅުވިއެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ އެ ފޯރަމް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައެވެ.