26 Apr 2017, 17:56
ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމް ރަޝީދު ލިޔުނު ޚަބަރަކާ ގުޅިގެން އަބުރުގެ ގާނޫނުގެ ދަށުން އޭނާ ޖޫރިމަނާކުރީ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިއުތިރާފުވެއްޖެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެކަމަށް އިއުތިރާފުވީ ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރު އަލީ ޔޫސުފް މިއަދު އެ ކޮމިޝަނަށް ހާޒިރުކޮށް ދެއްކި ވާހަކަތަކުގައެވެ.
އެ ކޮމިޝަނަށް ހާޒިރުވުމަށްފަހު އަލީ ޔޫސުފް މިއަދު "ސަން" އަށް ވިދާޅުވީ އާލާ 50،000 ރުފިޔާ އިން ޖޫރިމަނާކުރީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާފަދައިން ޖަވާބުދާރީވުމުފެ ފުރުސަތު އޭނާއަށް ނުދީ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ކަމަށެވެ. އަދި އޭނާ ހާޒިރުކުރީ އެހެންވެ އެ މައްސަލަ އަލުން ރިވިއުކުރުމަށްޓަކައި ކަމަށް ކޮމިޝަނުން ބުނި ކަމަށް އަލީ ޔޫސުފް ވިދާޅުވިއެވެ.
"އެ ކޮމިޝަނުން ބުނީ އާލާގެ މައްސަލަ އެކަންޏޭ ރިވިއުކުރަނީ. އަޅުގަނޑު ދެންނެވިން އެ މައްސަލާގައި ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައިވަނީވެސް އާލާ ލިޔުނު ޚަބަރެއްގެ މައްޗަށް ބިނާކޮށް ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައި ކަމަށް. އެހެންކަމުން އާލާގެ މައްސަލަ ގާނޫނު އަސާސީއާ ޚިލާފުވާނަމަ ރާއްޖެ ޓީވީ ޖޫރިމަނާކުރި ކުރުން ވެސް ގާނޫނު އަސާސީއާ ޚިލާފުވާނެ ކަމަށް އަޅުގަނޑު ދެންނެވިން،" އަލީ ޔޫސުފް ވިދާޅުވިއެވެ.
އަލީ ޔޫސުފް ވިދާޅުވީ އާލާގެ މައްސަލަ އަލުން ރިވިއުކުރުމަށްޓަކައި ތަކުރާރުކޮށް ސުވާލުކުރުމަށްފަހު ޖަވާބުދާރީ ނުވީކަމަށް ނިންމަންވީތޯ ކޮމިޝަންގެ މެމްބަރު އާމިނަތު ޝަރާހަތު އިއްޒަތު އެއްސެވި ކަމަށެވެ.
"ދެން އަޅުގަނޑު ދެންނެވިން ޖަވާބުދާރީ ނުވާނަމެކޭ އަޅުގަނޑު ނުބުނަމޭ. އަޅުގަނޑު މިދަންނަވަނީ ތިޔަ މައްސަލަ އަކީ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލައި ނިންމާފައި އޮތް މައްސަލައެކޭ. ކޮމިޝަނުން ނިންމާ މައްސަލަތައް އަލުން ރިވިއުކުރެވޭނެ ކަމަށް އަބުރުގެ ގާނޫނުގައި ބަޔާންކޮށްފައެއް ނެތޭ. ކޮން އުސޫލަކުންތޯ ރިވިއު ކުރަން އުޅެނީ،" އަލީ ޔޫސުފް ވިދާޅުވިއެވެ.
އާލާ ޖޫރިމަނާގެ ފައިސާ ނުދެއްކުމުން ފުލުހުން މިހާރު އެ މައްސަލަ ބަލަމުންދާތީ ބްރޯޑްކާސްޓިން ކޮމިޝަނަށް އިތުރަށް އެ މައްސަލަ ބެލިދާނެ ކަމަށް ނުދެކޭކަމަށް ދަންނަވާފައިވާނެ ކަމަށް ވެސް އަލީ ޔޫސުފް ވިދާޅުވިއެވެ.
ތަކުރާރުކޮށް އެ ކޮމިޝަންގެ މެމްބަރު ޝަރާހަތު ސުވާލުކުރަން ފެށުމުން، ސުވާލުތަކަށް ޖަވާބުދިނުމުގެ ކުރިން ގާނޫނީ ލަފާ ބޭނުންވާނެ ކަމަށް ދެންނެވުމުން އަންގާރަ ދުވަހު ގާނޫނީ ވަކީލަކާއެކު ހާޒިރުވުމަށް ފުރުސަތުދީފައިވާ ކަމަށް އަލީ ޔޫސުފް ވިދާޅުވިއެވެ.
އެ މައްސަލާގައި ރާއްޖެ ޓީވީ 200،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާތީ އެ ފައިސާ މީގެކުރިން އެ ކޮމިޝަނުން ވަނީ ދައްކައިފައެވެ.
މި ޚަބަރާ ގުޅޭގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ބަހެއް ހޯދުމަށް ގުޅުމުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.
ޝަހީބު ފޯނު ނުނެންގެވުމުން އެސްއެމްއެސްއަކުން ސުވާލުފޮނުވުމުން އެ ސުވާލަށް ވެސް ޖަވާބު ދެއްވާފައިނުވާތީ އެ ކޮމިޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.