23:48 "ޓްރެފިކްޖޭމް"ގެ މިއުޒިކަށް ފަހު މިރޭގެ އިވެންޓް ނިންމާލައިފި އެވެ. އެންމެ ބޮޑު ހިތުގެ ރެކޯޑް މުގުރައެއް ނުލެވުނެވެ. ބައިވެރިވީ 4665 މީހުން ކަމަށް ޓައިނީ ހާޓްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

23:16 ދަނޑަށް ދިޔަ އެންމެން މިވަގުތު ފޯރި ނަގަމުންދަނީ "ޓްރެފިކްޖޭމް"ގެ މިއުޒިކަށެވެ.

23:11 މިރޭ ގަލޮޅު ދަނޑަށް 11708 މީހުން އެއްވެ ބޮޑު ހިތް އަޅައި މެކްސިކޯގައި މިދިޔަ އަަހަރު ގާއިމް ކުރި ވޯލްޑް ރެކޯޑް މުގުރާލަން ކުރި މަސައްކަތް ކާމިޔާބުވެ ރިކޯޑް މުގުރައި ނުލެވޭ ކަމަށް ދަނޑުގައި ތިބި ނޫސްވެރިން ބުނެ އެވެ. ޓައިނީ ހާޓްސް އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

23:08 ރިކޯޑް މުގުރާލުމުގެ އުންމީދު އާކުރުމަށް ފަހު ޓައިނީ ހާޓްސްގެ އިވެންޓް ނިންމާލައިފި އެވެ. އިވެންޓް ނިންމާލިއިރު ރިކޯޑް މުގުރައިލެވުނު ކަމެއްވެސް އަދި ހިތުގެ ތެރޭގައި ތިބީ ކިހާ މީހުންނެއް ކަމެއްވެސް އިއުލާނެއް ނުކުރެ އެވެ.

22:55 ވަރަށް ގިނަ ބަޔަކު އަނެއްކާވެސް ބޮޑު ހިތް ދޫކޮށް ދާން ފަށައިފި އެވެ. އަދިވެސް ތިބި މީހުންގެ އަދަދު އިއުލާނެއް ނުކުރެ އެވެ. މިހާރު ވަނީ މީހުން ހަމަ ކުރުމަށްޓަކައި އިތުރު ވަގުތު ދީފަ އެވެ. ލަފާ ކުރެވޭ ގޮތުން މިވަގުތު ހިތުގެ ތެރޭގައި 7000 އެއްހާ މީޙުން އެބަތިއްބެވެ. ނަމަވެސް ރިކޯޑް މުގުރައިލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޓައިނީ ހާޓްސް އިން ބުނެ އެވެ.

22:44 ކުރިން ބުނި ގަޑި ޖެހުނު އިރު ވެސް ބޮޑު ހިތުގެ ތެރެއަށް މީހުން ވަދެ 11708 މީހުން ހަމަ ކުރެވޭ ގޮތެއް ނުވެއެވެ. މިވަގުތު ތިބި މީހުންގެ އަދަދު އަދި އިއުލާނެއް ނުކުރެ އެވެ.

22:25 ކުރިން ބޮޑު ހިތުގެ ތެރެއަށް ވަދެ ތިބި ބައެއް މީހުން ވެސް މިހާރު ވަނީ ނުކުމެފަ އެވެ. ނަމަވެސް ދަނޑުގައި ވަރަށް ފޯރިގަދަ އެވެ. 10:30ގައި މީހުން ތިބި އަދަދު އިއުލާން ކުރާނެ އެވެ.

22:13 މިހާރު ހިތުގެ ތެރެއަށް ކުޑަކުދިން ވެސް ވަނީ ވައްދާފަ އެވެ. ބޮޑު ހިތުގެ ރިކޯޑުހެދުމަށް ބޭނުންވާ އަދަދު ހަމަ ކުރުމަށް އިވެންޓްގައި ބައިވެރިވުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

21:47


ކުރިން މަނާކޮށްފައި އޮތް ނަމަވެސް ބޮޑު ހިތުގެ ތެރެއަށް ކުޑަކުދިން ވައްދަން މިހާރު ހުއްދަ ދީފި އެވެ. 10:30 އާ ހަމައަށް 10000 މީހުން ހިތުގެ ތެރެއަށް ވައްދަން ބޭނުންވާ ކަމަށް ޓައިނީ ހާޓްސް އިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

21:25 ހިތުގެ ތެރޭގައި ނެށުމާއި ބޮޑު ބެރު ޖެހުމާއި ތާސް ކުޅުމުގައި ވަރަށް ބޮޑު ފޯރިއެއް ނަގަމުން އެބަދެ އެވެ. މިހާރު ދަނޑުގައި "ހާބަލް" ވެސް ޕާފޯމް ކުރަމު އެބަދެ އެވެ. މުޅި ދަނޑަށާއި ބޮޑު ހިތުގެ ތެރެއަށް ވަދެ ތިބި މީހުންނަށް ބަލާއިރު ފެންނަނީ ވަރަށް ޒުވާން މޫނުތަކެވެ.

21:12 ބޮޑު ހިތުގެ ތެރޭގައި މިވަގުތު 3000 މީޙުން އެބަތިބި ކަމަށް އިއުލާންކޮށްފި އެވެ. މިވަގުތުގެ ބޮޑު ހިތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ އަލީވެސް އެބަ އިންނެވި އެވެ.

21:05 މިވަގުތު ބޮޑު ހިތުގެ ތެރޭގައި 2500 މީހުން އެބަތިބި ކަމަށް ބުނެ އެވެ. ދަނޑަށް ވަން މީހުން ވެސް ކުރިޔަށް ވުރެ މަދުވެއްޖެ ކަމަށް ދަނޑުގައި ތިބި ސަންގެ ނޫސްވެރިން ބުނެ އެވެ.

20:50 ގާތްގަނޑަކަށް 10000 މީހުންގެ ޖާގަ އޮންނަ ދަނޑަށް މެދުނުކެނޑި މީހުން ވަންނަމުންދާއިރު ބޮޑު ހިތުގެ ތެރޭގައި ވެސް މިވަގުތު މީހުން އެބަތިއްބެވެ. ބޮޑު ހިތުގެ ފޯމޭޝަން ގަޑި ފެށޭނީ 21:30 ގައެވެ. "ފޯރ ވަން ބިގް ހާޓްއަކީ "ސޭވް އަ ޓައިނީ ހާޓް 2011" ގެ ދަށުން '11708"ގެ ނަމުގައި މިދައަ ޖޫން މަހު ލޯންޗްކުރެވުނު އެއް މަސް ދުވަހުގެ އެވެއާނަސް އަދި ފަންޑަރެއިސިންގ ކެމްޕެއިންގެ އެންމެ ފަހު އިވެންޓެވެ. މި އިވެންޓްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭނެ ފަދަ ބޮޑު އިވެންޓަކަށް ހެދުމަށް ދުނިއޭގެ އެއްމެ ބޮޑު ހިތް އެޅުމުގެ ފަހުގެ ތައްޔާރީތަށް މިހާރު ވަނީ ވެފައެވެ.

20:44 ގަލޮޅު ދަނޑުގެ ފެހިކަން ގަދަ ރަތްކުލައަށް ބަދަލުވަމުންދާއިރު "ރޮކްޕޭޕާ ސިޒާ"ގެ މިއުޒިކްގެ ފޯރިވެސް އަންނަނީ ގަދަވަމުންނެވެ. ކުދިންނަށް ދިމާވާ ހިތުގެ ބައްޔާބެހޭ މައުލޫމާތުތައް ވެސް އެއްބަޔަކު އަނެއް ބަޔަކަށް ހިއްސާ ކުރަމުން ދެ އެވެ.

20:38 ވަރަށް ގިނަ ބަޔަކު މިހާރުވެސް ބޮޑު ހިތާ ވަނީ ގުޅިފަ އެވެ. ރަތް ހެދުމުގައި އެންމެންވެސް ގެންދަނީ އުފާފާޅުކޮށް ހަދަމުންނެވެ. ވަރަށް ގިނަ މީހުންގެ އަތުގެ ހިތުގެ ބައްޓަމަށް ފުއްޕާފައިވާ ހަންވެސް އެބަހުއްޓެވެ. މުޅި ދަނޑުގެ ހުރިހާ ގޭޓްތަކާ ދިމާގައި ވަނީ މީހުން ފުރި ތޮއްޖެހިފަ އެވެ.

20:32 ގަލޮޅު ދަނޑުގެ ހުރިހާ ގޭޓްތަކެއް ފުރި ބާރުވެގެން ރިކޯޑް އިވެންޓްގައި ބޮޑު ހިތުގެ ތެރެއަށް ވަނުމަށް މީހުން މަސައްކަތް ކުރަމުން އެބަދެ އެވެ. ހުރިހާ ގޭޓެއްގެ ކައިރިގައިވެސް މީހުން ވަނީ ތޮއްޖެހި އެވެ. ދަނޑުގައި މިއުޒިކް ކުޅެމުންދާއިރު މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތައްވެސް މިރޭ ހިންގާނެ ކަމަށް ވެއެވެ.

20:22 ބޮޑު ހިތަށް މީހުން ޖަމާކޮށް ރިކޯޑް މުގުރާލައި މި ހާއްސަ އިވެންޓަކީ ކެންޖެޓިކަލް ހާޓް ޑިސީސް ހުންނަ ކުދިންނަށް އެހީވެ، ސަމާލު ކަމަށް ގެނައުމަށް ބާއްވާ ބޮޑު އިވެންޓެކެވެ. މި ބޮޑު ހިތުގެ ތެރެއަށް 11708 މީހުން މިރޭ ވަންނާނެ އެވެ.

20:15 ދުނިޔޭގެ ރިކޯޑެއް ގާއިމު ކުރަން ޓައިނީ ހާޓްސް އިން މިރޭ ގަލޮޅު ދަނޑުގައި ބާއްވާ ބޮޑު ހިތް އެޅުމުގައި ބައިވެރިވުމަށް މިހާރު ގަލޮޅު ދަނޑަށް މީހުން ވަންނަމުން އެބަދެ އެވެ. ވަރަށް ގިނަ ބަޔަކު މިހާރުވެސް ދަނޑުގައި ކުރަހާގައިވާ ބޮޑު ހިތުގެ ބައްޓަމުގެ ތެރެއަށް ވަދެއްޖެ އެވެ. މީހުން ވަންނަމުން ދަނީ ރަތްކުލައިގެ ހެދުމުގަ އެވެ.

ހިތުގެ ބަލި ހުންނަ ކުދިންނަށް އެހީ ވުމަށްޓަކައި ޓައިނީ ހާޓްސް އޮފް ދި މޯލްޑިވްސްއިން މަހެއްހާ ދުވަހަށް ކުރިއަށް ގެންދިޔަ "ސޭވް އަ ޓައިނީ ހާޓް 2011" ކެންޕެއިންގެ ނިންމުމަށްޓަކައި ދުނިޔޭގައި އަޅާ އެންމެ ބޮޑު ހިތް އެޅުން މިރޭ 8:00 ގަލޮޅު ރަސްމީ ދަނޑުގައި އޮންނާނެ އެވެ

ޓައިނީ ހާޓްސްގެ ވޮލެންޓިއަރުން ވަނީ ހިތުގެ ބައްޓަމަށް އެތުރުމަށްޓަކައި 12000 މީހުންނަށް ތިބެވޭވަރުގެ ބޮޑު ހިތެއް ދަނޑުގައި ކުރަހާފަ އެވެ.

ޓައިނީ ހާޓްސްގެ އޮފިޝަލަކު ވިދާޅުވީ ކޮންމެ މީހަކު ވެސް ރަތް ހެދުމެއްގައި މިރޭ ދަނޑަށް ވަދެ ބޮޑު ހިތުގައި ބައިވެރިވުމަކީ އުފެދުމުގައި ހިތުގެ ބަލި ހުންނަ ކުދިންނަށް ވެދޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

"އަޅުގަނޑުމެން ވިއްކާ ޓީޝާޓެއް، އަދި އަތުގައި އަޅާ ބޭންޑެއް ބައްލަވައިގަނެގެން މި ކޮޅަށް ދުރުވަންވީ. އާއިލާގެ ބޭފުޅުންނާ ގާތް ރަހުމަތްތެރިންނާއެކު ދުރުވަންވީ. އެއީ މިފަދަ ނިކަމެތި ކުދިންނަށް ވެވޭ ވަރަށް ބޮޑު އެހީއެއް،" އޮފިޝަލުއެވެ. "ބޮޑު ހިތުގެ ސަބަބުން އެ ބައްޔާމެދު ހޭލުންތެރިވެގެން ވާނެ،"

މިރޭ ގަލޮޅު ދަނޑަށް 11708 މީހުންނަށް އެއްވެ ބޮޑު ހިތް އަޅައިފިނަމަ މެކްސިކޯގައި މިދިޔަ އަަހަރު ގާއިމް ކުރި ވޯލްޑް ރެކޯޑް މުގުރާލެވޭނެ އެވެ. އެފަހަރު ބައިވެރިވީ 11166 މީހުންނެވެ.