އާސެނަލްގެ ޗިލީ ފޯވާޑް އެލެކްޒިސް ސަންޗޭޒް ޕްރިމިއަރ ލީގުގެ ވާދަވެރި ކްލަބަކަށް ދޫކޮށް ނުލާނޭ ކަމަށް އެޓީމުގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.

ކުރިއަށް އޮތް ޓްރާންސްފާގައި ސަންޗޭޒް އެހެން ކްލަބަކަށް ބަދަލުވެދާނޭ ކަމުގެ ވާހަކަތަށް ވަރަށް ބޮޑަށް ގަދަވެފައިވާއިރު، އާސެނަލްއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ކުރިއަށް އޮތް 12 މަސްތެރޭގައި ހަމަވާނެއެވެ. އަދި އޭނާ ގުޅޭނޭ ކަމަށް އެންމެ ބޮޑަށް އަޑުތައް ފެތުރިފައިވަނީ، ކުރީން ބާސެލޯނާގައި އޭނާއަށް އިރުޝާދު ދިން ކޯޗް ޕެޕް ގާޑިއޮލާގެ މެންޗެސްޓާ ސީޓީއާއެވެ.

ވެންގާ ބުނީ، މީގެ ކުރީން 2012 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ރޮބިން ވެން ޕަރސީ ދޫކޮށްލި ނަމަވެސް، ސަންޗޭޒް އެގޮތަށް ދޫކޮށް ނުލާނޭ ކަމަށެވެ.

"އަހަންނަކަށް ހިޔެއް ނުވޭ، ޕްރިމިއާ ލީގު ކްލަބަކަށް އޭނަ (ސަންޗޭޒް) ވިއްކާލައިފާނޭހެނެއް. އެއީ ހަމަ ޔަގީންކަމެއް،" ވެންގާ ބުންޏެވެ.

"ސުވާލުތައް ވަރަށް ގިނަ. ކީއްކުރަން އެހެން ކްލަބަކަށް އޭނަ ވިއްކާލަންވީ. ކޮންމެ ކޯޗަކުވެސް ބަލާނީ އެމީހެއްގެ ކްލަބު ވަރުގަދަކުރަން. ކީއްކުރާން އެހެން ކްލަބެއް ވަރުގަދަކުރާން ވިސްނަންވީ.

"ވެން ޕަރސީގެ ކޮންޓްރެކްޓްގެ ފަހު އަހަރުގައި އަހަރެން ވާނީ، އޭނާ ދޫކޮށްލިން. އޭރު އޭނާއަށް 29 އަހަރު ފުރިގެން 30 އަހަރާ ގާތްކުރަނީ."

ވެންގާ ބުނީ، ސަންޗޭޒް އަދިވެސް އާސެނަލްގައި އިތުރަށް މަޑުކުރުވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނޭ ކަމަށާއި، އަދި އޭނާ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ނުކުރި ކަމުގައި ވީ ނަމަވެސް ލީގުގެ ވާދަވެރި ކްލަބަކަށް އޭނާ ދޫކޮށް ނުލާނޭ ކަމަށެވެ.

"އެނޫނަސް އޭނާ މިތަނުގަ ހުރީ ވަރަށް އުފަލުން. އެހެންވީމަ އަހަންނަަށް ގަބޫލުކުރެވެނީ، އަދިވެސް އޭނާ މި ކްލަބުގައި މަޑުކުރާން ބޭނުންވާނޭކަމަށް."

ސަންޗޭޒް ވަނީ، މިސީޒަންގައި އާސެނަލަށް އޭނާ ކުޅުނު ހުރިހާ މެޗަކުން ޖުމުލަ 22 ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެފްއޭކަޕް ސެމީ ފައިނަލްގައި 2-1 ލަނޑުން މެންޗެސްޓާ ސިޓީގެ މައްޗަށް އާސެނަލް ކުރި ހޯދި މެޗުގައި ވެސް ސަންޗޭޒް ލަނޑުޖެހިއެވެ.