ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި ހާދިސާ ފްރާންސުން ކުށްވެރިކޮށްފި އެވެ.

ފްރާންސުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާސް އިން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރު އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި ޔާމީންގެ އާއިލާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުވާފަ އެވެ.

އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ވަކާލުތުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޔާމީނުގެ މަރުގެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

އައްޑޫ ސިޓީ ފޭދޫ ޗަނބޭލީގޭ ޔާމިން ރަޝީދު، 29ގެ ހަށިގަނޑު އެކިތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ކައިރިން މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެނާ މަރުވެފައި ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

ޔާމީންގެ މަރުގެ މައްސަލަ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ވީ އެންމެ އަވަހަކަށް ތަހުގީގު ކޮށްދިނުމަށް އދ. އިން ގޮވާލާފައިވާ އިރު، ޔާމީންގެ އާއިލާއިން ވެސް ވަނީ އެގޮތަށް އެދިފަ އެވެ.

ޔާމީންގެ މަރާ ގުޅިގެން ފުލުހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވަނީ ޔާމީނަށް ހަމަލާދިން މީހުން ދެނެގަނެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެފަރާތްތައް ފެނިގެންދާ ސީސީޓީވީ ފުޓެޖްގެ ފޮޓޯތަކެއް އާއްމުކޮށް، އެމީހުން ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ.