ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ޑެންގީ ފެތުރުމުގެ ހާލަތު އިތުރަށް ގޯސްވަމުން ނުދާ ނަމަ، ރައީސް އުފައްދާފައިވާ ޑެންގީ ޓާސްކްފޯހުގެ މަސައްކަތް ކުޑަކޮށްލާނެ ކަމަށް ޓާސްކްފޯހުން ބުނެފި އެވެ. އެ އޮފީހުން ބުނީ ޑެންގީ ހުން ފެތުރޭ މިންވަރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދަށްވެފައިވާ ކަމަށެވެ.

ޓާސްކްފޯހުގެ މަސައްކަތްކަތް ކުޑަކޮށްލުމުން މަދިރި ނައްތައިލުމުގެ މަސައްކަތް ދެން ކުރާނީ ހެލްތު މިނިސްޓްރީ އާއި ކައުންސިލްތައް ގުޅިގެން ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި ކަމަށް ޓާސްކް ފޯހުގެ މެމްބަރު ޑރ. އަބުދުﷲ ނަޒީރު މިއަދު ވިދާޅުވި އެވެ.

ޓާސްކްފޯހުގެ މަސައްކަތް ކުޑަކުރުމަށް ފަހު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކާއި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މިއަދު ޓެލެ ކޮންފަރެންސެއް ވެސް ވަނީ ބާއްވާފަ އެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޑެންގީ ހުން ޖެހިގެން އެޑްމިޓްކޮށްފައި ވަނީ ޖުމްލަ 50 މީހުން ކަމަށާއި އޭގެ ތެރެއިން 39 މީހުން އެޑްމިޓްކޮށްފައި ވަނީ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ކުރިން އިއުލާންކުރި އަށް ރަށުގައި ކަމަށް ވެސް ޓާސްކްފޯސް އޮފީހުން ބުންޏެވެ.