26 Apr 2017, 12:45
ނުކުރާ މަސައްކަތަކަށް އަގު ދީފައިވާ ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ އަވަށު ބޯޑުގެ ކުރީގެ ވަގުތީ ރައީސްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ 1432 ވަނަ އަހަރު ސ. ފޭދޫ މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުކޮށް ކުލައާއި ދަވާދުލުމުގެ މަސައްކަތް ކުރުމަށް ހަވާލު ކުރި ފަރާތް ނޫން އެހެން ފަރާތަކުން ހިލޭ ސާބަހަށް ކޮށްދީފައިވީ ނަމަވެސް، އެ މަސައްކަތުގެ އަގު އެ މަސައްކަތް ހަވާލު ކުރި ފަރާތަށް ދީފައިވާތީ ކަމަށެވެ.
އަދި މަސައްކަތްތަކުގެ ބިލު ފޮނުވާފައިވާ އިރު، އެ މަސައްކަތުގެ އަގު ކަމުގައިވާ 40،000 ރުފިޔާ ބިލުން އުނިކޮށްފައި ނުވާ ކަމަށެވެ.
އެ ބިލަށް ފައިސާ ދެއްކުމުގެ ކުރިން، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމާފައިވޭތޯ ބެލުމަށް އައްޑޫސިޓީ ކައުންސިލުން ފޮނުވި މެސެޖާ ގުޅިގެން، މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނިންމާފައިވާ ކަމަށް ބުނެ، ފޭދޫ އޮފީސް ހިންގުމާ ހަވާލުވެ ހުރި އަވަށު ބޯޑުގެ އޭރުގެ ވަގުތީ ރައީސް ސޮއިކޮށް އައްޑޫ ސިޓީ ކައުންސިލަށް އެކަން އަންގާފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް އޭސީސީ އިން ބުނެ އެވެ.
އެ މަސައްކަތް ކޮށްފައި ވަނީ އަމިއްލަ ފަރާތަކުން ހިލޭ ސާބަހަށްކަން އަވަށު ބޯޑުގެ ވަގުތީ ރައީސް އަށް އެނގިހުރެކަން މައްސަލައިގެ ތަހުގީގަށް އެނގެން އޮންނަ ކަމަށާއި އެކަމަކީ، އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީން ބުނެ އެވެ.
އެހެންކަމުން އެ މަސައްކަތް ހަވާލު ކުރި ފަރާތަށް، އެފަރާތުން ނުކުރާ މަސައްކަތްތަކެއްގެ އަގުގެ ގޮތުގައި 40،000 ރުފިޔާ ދީފައިވާކަން ތަހުގީގަށް އެނގެން އޮންނަ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީ އިން ބުނީ އެކަން ފޮރުވުމަށް މަސްޖިދުލްފަލާހްގައި ކުރަން ހުރި މަސައްކަތް އަމިއްލަ ފަރާތަކުން ހިލޭ ސާބަހަށް ކޮށްފައި ވާތީ، އެ މަސައްކަތުގެ ބަދަލުގައި އެހެން މިސްކިތްތަކެއްގެ މަސައްކަތް އެ އަގަށް އޭނާއާ ހަވާލުކޮށްފައިވާކަން ދެއްކުމުގެ ގޮތުން އެއްބަސްވުމަށް އިތުރުކުރެވޭ ބައެއްގެ ގޮތުގައި އޭނާއާއި ފޭދޫ އޮފީހާއި ދެމެދު އެމްއޯޔޫއެއް ހަދާފައިވާ ކަމަށެވެ.
ނަމަވެސް އެ އެމްއޯޔޫއަކީ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ނިމި އަދި އެ މަސައްކަތުގެ އަގު ވެސް ލިބުނު ފަހުން، މާ ފަހުގެ ތާރީހެއްގައި ހަދާފައިވާ އެމްއޯޔޫއެއް ކަން ތަހުގީގަށް ސާބިތު ވާކަމަށެވެ.
އޭސީސީ އިން ބުނީ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ އަވަށު ބޯޑުގެ ކުރީގެ ވަގުތީ ރައީސްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.