އިނގިރޭސި ޕްރިމިއަރ ލީގުގައި އަންގާރަ ދުވަހުގެ ރޭ ސައުތުހޭމްޓަން އާ ދެކޮޅަށް ކުޅުނު މެޗު 4-2 ލަނޑުން ކާމިޔާބުކޮށް ޗެލްސީން ލީގު ތާވަލުގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

މިމަހުގެ 16 ވަނަ ދުވަހު، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 ލަނޑުން ބަލިވެ، ޗެލްސީން ތާވަލުގެ ކުރީގައި ދަމަހައްޓަމުން ދިޔަ ލީޑު ހަނިވި ނަވަވެސް، ރޭގެ މޮޅާ އެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ މިހާރު އޮތީ 78 ޕޮއިންޓާއެކު އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެމްބްލީގައި ކުޅުނު އެފްއޭކަޕްގެ ސެމީ ފައިނަލްގައި ޗެލްސީން ޓޮޓެންހަމް ބަލިކުރި މެޗުގެ ފުރަތަމަ 11ގައި ޑިއެގޯ ކޮސްޓާ އަދި އެޑެން ހަޒާޑް ނުހިމެނު ނަމަވެސް އެދެކުޅުންތެރީން ވަނީ ރޭގެ މެޗުގެ ފުރަތަމަ 11ގައި ހިމެނި، މެޗުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މެޗުގެ ފަސް ވަނަ މިނިޓްގައި ހަޒާޑް ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

މެޗުގެ 24 ވަނަ މިނިޓްގައި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު އޮރިއޮލް ރޮމިއޫ ސަތުހެމްޓަންއަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ފުރަތަމަ ހާފްގެ އިތުރު ވަގުތު ކޮޅުގެ ތެރޭގައި ގެރީ ކޭހިލް ވަނީ ޗެލްސީއަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދީފައެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 53 ވަނަ މިނިޓްގައި ޑިއެގޯ ކޮސްޓާ ވަނީ ވަރަށް ފުރިހަމަ ލަނޑަކާއެކު ޗެލްސީގެ ލީޑު ފުޅާކޮށްފައެވެ. މިއީ ޕްރިމިއަރ ލީގުގައި ކޮސްޓާ މިހާތަނަށް ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. އަދި 89 ވަނަ މިނިޓްގައި ކޮސްޓާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާ އެނބުރި ފޯމަށް އާދެވުނުކަން ސާބިތުކޮށްދީފައެވެ.

ސައުތުހެމްޓަންގެ ދެވަނަ ލަނޑު، ފަހު ހާފުގެ އިތުރު ވަގުތު ނިމެންދަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ، ޗެލްސީގެ ކުރީގެ ޑިފެންޑަރ ރަޔާން ބާޓްރެންޑެވެ.

ޗެލްސީގެ ފަހަތުން 71 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައިގައި އޮތް ޓޮޓެންހަމްއަށް ފަރަގު ކުޑަކުރުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑެވެ. އެގޮތުން މިރޭ ދަންވަރު 12:00ގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ އަނެއްކާވެސް ހަތަރު ޕޮއިންޓަށް ލީޑު ހަނިވާނެއެވެ.