އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި، ސައިނާގެ ރޯލުން ފެނިގެން ދާނީ އަރަމުން އަންނަ ޒުވާން ބަތަލާ ޝްރައްދާ ކަޕޫރު ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޝްރައްދާ ވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝްރައްދާ ބުނީ، ކޮންމެ އަންހެން ކުއްޖަކު ވެސް ސްކޫލް ދައުރުގައި ބެޑްމިންޓަން ކުޅެފައި ވާނެ ކަމަށާއި ސައިނާގެ ބަޔޮޕިކް ގައ މަސައްކަތް ކުރުމުން ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށެވެ.

ޝްރައްދާ ބުނީ ސައިނާ އަކީ ހަމައެކަނި ބެޑްމިންޓަން ޗެމްޕިއަން އެއްގެ އިތުރުން ވަރަށް ގިނަ ޒުވާނުންނަށް ނަމޫނާއެއް ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދު ވެފައި ހުރި ކަމަށް ވެސް ޝްރައްދާ ވަނީ ބުނެފައެވެ.

ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން، ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕް އަށް މިވަގުތު ޗައިނާގައި ހުރި ސައިނާ ބުނީ ޝްރައްދާ އަކީ ވަރަށް ކުޅަދާނަ އަދި މަސައްކަތް ކުރާ އެކްޓަރެއް ކަމަށާއި، އޭނާގެ ބަޔޮޕިކް އިން ޝްރައްދާ ފެނިގެން ދިއުމަކީ އުފާވެރި ޚަބަރެއް ކަމަށެވެ.

ޝްރައްދާ އަށް ބެޑްމިންޓަންގެ ބައެއް ކަންކަން ދަސްކޮށްދިނުމަށް ކެތްމަދުވެފައި ހުރި ސައިނާ ބުނީ، އެ ދެމީހުން ވައްތަރު ކަމަށް ވެސް ގިނަ ބަޔަކު ބުނާ ކަމަށެވެ.

އަމޯލް ގުޕްތާ ޑައިރެކްޓު ކޮށް، ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.