އެއްވެސް އެވޯޑު ހަފްލާ އަކަށް ހާޒިރު ނުވާތާ 16 އަހަރު ފަހުން، ފުރަތަމަ ފަހަރަށް ބޮލީވުޑުގެ ކާމިޔާބު އެކްޓަރު އާމިރު ޚާން އެވޯޑު ހަފްލާއެއްގައި ބައިވެރިވެއްޖެ އެވެ.

އާމިރު އަކީ އެވޯޑު ހަފްލާތަކުގައި ބައިވެރިނުވާ ފަންނާނެއްގެ ގޮތުގައި ލޭބަލް ކުރެވިފައި އެކްޓަރެކެވެ. ނަމަވެސް މިފަހަރު އާމިރު މިވަނީ 75 ވަނަ މާސްޓާ ދީނާނާތު މަންގޭޝްކަރް އެވޯޑު ހަފްލާގައި ބައިވެރިވެފައެވެ.

ޚަބަރުތައް ބުނާގޮތުން އެވޯޑު ހަފްލާގައި އާމިރު ބައިވެރިވީ، 'ދަ ނައިޓިންގޭލް އޮފް އިންޑިއާ'، ލަތާ މަންގޭޝްކަރުގެ އެދުމުގެ މަތިންނެވެ. ދީނާނާތު އެވޯޑަކީ ލަތާގެ ބައްޕަގެ ހަނދާނުގައި ދެމުން އަންނަ އެވޯޑެކެވެ.

އާމިރު އަށް އެވޯޑު ލިބިފައި ވަނީ މިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމު، އަދި މިހާތަނަށް ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމު 'ދަންގަލް' ގައި އޭނާ އަދާކޮށްފައިވާ ރޯލުންނެވެ.

އެވޯޑާ ހަވާލުވުމަށް ފަހު އާމިރު ބުނީ، އޭނާގެ ހުރިހާ ކާމިޔާބީ އެއްގެ ފަހަތުގައި ވަނީ ވެސް އޭނާގެ ޑައިރެކްޓަރުންނާއި ސްކްރިޕްޓު ލިޔާ ފަރާތްތައް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް އާމިރު ވަނީ ޝުކުރު އަދާކޮށްފައެވެ.

ދީނާނާތު އެވޯޑު ހަފްލާގެ ކުރިން އާމިރު އެންމެ ފަހުން ބައިވެރިވީ މީގެ 16 އަހަރު ކުރިން ބޭއްވި އެކެޑެމީ އެވޯޑު ހަފްލާގައެވެ. އެއީ އޭނާގެ ކާމިޔާބު ފިލްމު 'ލަގާން' އެންމެ މޮޅު ފިލްމުގެ ކެޓަގަރީ އިން ނޮމިނޭޓް ވެފައި ވާތީ އެވެ.