ތޫނު އެއްޗަކުން ހަމަލާދީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް ސ. ފޭދު ޗަނބޭލީގޭ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވެސް ބްރޯޑްކާސްޓީން ކޮމިޝަން (ބްރޯޑްކޮމް)އިން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމް އެގޮތަށް ބުނެފައި ވަނީ ފުލުހުން ވެސް އެފަދަ އިލްތިމާސެއްކޮށްފައިވަނިކޮށެވެ. ފުލުހުން ބުނީ ޔާމީންގެ މަރާ ގުޅޭ ގޮތުން އެކި ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ހަބަރާއި މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައި ވަނީ ފުލުހުން އަންގާފައިވާ ގޮތުގެ މަތިން ތަހުގީގަށް ހުރަސް އެޅޭނެފަދަ ނުވަތަ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

"ހަމަ އެހެންމެ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް ގެ އިމުގެ ތެރެއިން މަސައްކަތްކުރުމަށް ސަމާލުކަން ދެއްވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުން ނަސޭހަތްތެރިވަމެވެ،" ބްރޯޑްްކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނަށް ތާއިދުކޮށް ބްރޯޑްކޮމް އިން ބަޔާނެއް ނެރެފައިވާއިރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިއަދު ވިދާޅުވެފައި ވަނީ ޔާމީން ރަޝީދު މަރާލުމަށް ހަމަލާ ދިން ފަރާތްތައް ދެނެގަނެވިއްޖެ ކަމަށެވެ. އެ ފަރާތްތައް ދެނެގަނެވިއްޖެ ކަމަށް ބުނެ، އާންމުކޮށްފައި ވަނީ ސީސީޓީވީ ފުޓޭޖުން ނަގާފައިވާ ފޮޓޯތަކުގެ މަންޒަރުތަކެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުން ދެ މީހަކު ޔާމީން ދިރިއުޅޭ ގެއަށް ވަންނަނިކޮށް ފެނެ އެވެ. އަދި އެ ގޭގެ ބޭރުގައި ވެސް ބަޔަކު މަޑުކޮށްގެން ތިބޭތަން ވެސް ފެނެ އެވެ. ނަމަވެސް އެ މީހުންނަކީ ކޮން ބައެއްކަން އެނގޭ ވަރަށް މޫނު ސާފުކޮށް ނުފެނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަރު 3:00 ޖަހަން އުޅެނިކޮށް، ޔާމީން މަރާލާފައި އޮއްވާ ފެނުނުތާ މިއަދަށް ތިން ދުވަސް ވެގެންދާއިރު ވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރެވެ އެވެ.