ސަންޢާ : ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް އަވަހާރަކޮށްލުމަށްޓަކައި ޔަމަންގެ ރިޔާސީ އެކުވެންޏަށް މިދިޔަމަހު ބަޔަކުދިން ޙަމަލާތަކުގައި ޒަޚަމްވެ ވަޑައިގަތުމަށްފަހު ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ވާހަކަ ދައްކަވާ މަންޒަރު ފުރަތަމަ ފަހަރަށް ޔަމަންގެ ޓީވީ ން ދުރަށް ދައްކައިފިއެވެ.

ސަޢޫދީ ހޮސްޕިޓަލެއްގައި އޮންނަވައިގެން ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިޙް ވަނީ ޔަމަންގެ ވެރިކަމުގައި ބައިވެރިވުމުގެ ފުރްސަތު އިދިކޮޅު ފަރާތްތަކަށް ދޭން ތައްޔާރަށް ހުންނެވި ކަމަށް ފުރަތަމަ ފަހަރަށް ވިދާޅުވެފައެވެ. ވެރިކަންކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތައް ގުޅިގެން ދަސްތޫރާ އެއްގޮތަށް ވެރިކަންކުރުމަށް އެއްވެސް ހުރަހެއްނެތްކަމަށް ސާލިހް ވިދާޅުވިއެވެ.

ސާލިޙްގެ ވާހަކަތަކަށް ރައްދުދެމުން ޔަމަންގެ އިދިކޮޅު ފަރާތްތަކުން ބުނީ ވެރިކަން ދޫކޮށްލައްވާނެ ކަމުގެ އެއްވެސް އިޝާރާތެއް ސާލިޙް ކުރައްވާފައިނުވާ ކަމަށާ އޭނާގެ ވާހަކާގައި އެއްވެސް އާކަމެއްނެތްކަމުގައެވެ.

އިދިކޮޅު ފަރާތްތަކާ ވެރިކަން ޙިއްސާކުރައްވުމަށް ސާލިޙް ހުށަހެޅުއްވީ ލިބިވަޑައިގެންފައިވާ ޒަޚަމްތަކާގުޅިގެން ވެރިކަމުގެ ޒިންމާ އަދާކުރެއްވުމަށް ޖިސްމާނީ ގޮތުން ނުކުޅެދިވަޑައިގެންފައިވާތީ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

ޓިވީން ދުރަށް ދެއްކި މަންޒަރުތަކުގައި ރައީސް ސާލިހް ފެންނަނީ ވަރަށް ބަލިކޮށެވެ. ފިހިފައިވާ ކަމުގެ ނިޝާންތައް މޫނިމަތިން ފެންނަންހުރިއިރު ސާލިޙްގެ ހަށިކޮޅުގެ ގިނަތަންތަންވަނީ ބޭސްގަނޑުތަކާއި ބެންޑޭޖްތަކުން ނިވާކުރެވިފައެވެ. ސާލިޙް ވިދާޅުވީ ޑޮކްޓަރުން އޭނާގެ ހަށިކޮޅުގައި އަށް އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާ މިހާރު ޙާލުކޮޅު ރަނގަޅު ވަމުން އަންނަކަމުގައެވެ.
ސަޢޫދީ ޢަރަބިޔާ ސަރުކާރުން ރައީސް ސާލިޙަށް ފަރުވާ އަރުވަމުންގެންދަވާތީ ސަޢޫދީ މަސްއޫލުވެރިންނަށްވެސް ރައީސް ސާލިޙް ޝުކުރު އަދާކުރެއްވިއެވެ. -- ރޮއިޓާސް