25 Apr 2017, 22:44
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު މިނިވަން ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ގޮވާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބޮލޮގަރު ޔާމީންގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.
ނިޒާރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލާގައި ފާހަގަކޮށްފައި ވަނީ ޔާމިން ރަޝީދަށް މަރުގެ އިންޒާރު ތަކުރާރުކޮށް ދެމުންދާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާފައިވާކަން ފެންނަން ނެތުމުން އެކަމުގައި ފުލުހުންގެ އިހުމާލެއްވާކަން ގަބޫލުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެ މައްސަލާގައި އިތުރަށް ބުނެފައި ވަނީ ޑރ. އަފްރާޝީމް އަލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުއްޓާ އަވަހާރަކޮށްލިތާ ފަސް އަހަރާއި ގާތްވެފައިވާއިރު ވެސް އެ ތަހުގީގު އެންމެ ފުރިހަމައަށް ކުރެވިފައި ނުވާ ކަމަށެވެ. އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ "ވަގަށް ނެގިތާ" ތިން އަހަރު ހަމަވާން ގާތްވިއިރު ވެސް އެކަން ކުރި ބަޔަކާއި އެކަން ހިނގާދިޔަ ގޮތް ފުލުހުންނަށް ހޯދިފައި ނުވާ ކަަމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ނިޒާރު ހުށަހެޅުއްވި މައްސަލާގައިވެ އެވެ.
އެ ސަބަބުތަކާހުރެ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު މިނިވަން ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ގޮވާލައި މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ކުއްލި މައްސަލަ ހުށަހަޅާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެމްޑީޕީގެ ފަރާތުން ޔާމިން ރަޝީދުގެ މަރުގެ މައްސަލަ މިނިވަން ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާއިރު ޔާމީންގެ އާއިލާއިން ވަނީ ބޭރުގެ ތަހުގީގު ޓީމެއް ހިމަނައިގެން މައްސަލަ ތަހުގީގު ކޮށްދިނުމަށް ގޮވާލާފައެވެ.
ފުލުހުން ވަނީ ޔާމީންގެ ގާތިލުން ދެނެގަނެވިއްޖެ ކަމަށް ބުނެ ސީސީޓީވީ ފޫޓޭޖުތަކުން ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށް އެ ފަރާތްތައް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަރު 3:00 ޖަހަން އުޅެނިކޮށް، ޔާމީން މަރާލާފައި އޮއްވާ ފެނުނުތާ މިއަދަށް ތިން ދުވަސް ވެގެންދާއިރު ވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރެވެ އެވެ.