25 Apr 2017, 20:34
އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ސ. ފޭދު ޗަނބޭލީގޭ ޔާމީން ރަޝީދުގެ މަރާ ގުޅޭ ގޮތުން އެކި ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ހަބަރާއި މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޔާމީން ރަޝީދުގެ މަރުގެ ތަހްގީގު އެ ފަރާތްތަކުން އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުން ކަމަށާއި ތަހުގީގުގެ ކުރީ ކޮޅުގައި ތަހުގީގަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް އެދޭ ކަމަށެވެ.
"އެ ހާދިސާއާ ގުޅޭ ގޮތުން އެކި ހިޔާލުތަކުގެ މައްޗައް ބިިނާކޮށް ހަބަރާއި މައުލޫމާތު މީޑިއާގެ ފަރާތްތަކުން ރައްޔިތުންނާއި ހިއްސާކުރުމުން މި މައްސަލާގެ ތަހްގީގަށް ހުރަސް އެޅި ކުރެވުމުންދާ މަސަތްކަތުގެ ނަތީޖާއަށް އަސަރު ކުރާނެ ކަމަށް ގަބޫލު ކުރެވޭތީ މިފަދަ މައުލޫމާތު ހިމެނޭ ހަބަރާއި ވީޑިއޯ އަދި ތަސްވީރު މީޑީއާތަކުން ހިއްސާ ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަން،" ފުލުހުން މިރޭ ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވަނީ ޔާމީން ރަޝީދު މަރާލުމަށް ހަމަލާ ދިން ފަރާތްތައް ދެނެގަނެވިއްޖެ ކަމަށް ވިދާޅުވެ ބައެއް މީހުންގެ ފެންނަ ވީޑިއޯ ފޫޓޭޖުތަކުގެ ފޮޓޯ އާންމުކޮށް އެ ފަރާތްތައް ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
ޔާމީންގެ މަރާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. ޔާމީންގެ މަރަށް ދެ ދުވަސް ވަނީ ވެފަ އެވެ.