ވިކްޓަރީ ސްޕޯޓްސް ކުލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އެސްޓިއޯ މާލޭ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ނަތީޖާއަށް މޮޅެއް އިތުރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު މާޒިޔާ ވަނީ ތާވަލުގެ ދެ ވަނަ މަގާމަށް ޖެހިލައިފައެވެ. އެ ޓީމުން މިހާތަނަށް ލީގުގައި ހަތަރު މެޗު ކުޅެފައިވާއިރު ލިބިފައި ވަނީ 12 ޕޮއިންޓެވެ. މާޒިޔާ އަދި ނިއު ޕޮއިންޓުގެ ގޮތުން އެއްވަރުވީ ނަމަވެސް ނިއުއަށް ކުރި ލިބެނީ ފަސް މެޗުން ކާމިޔާބުކޮށްފައިވާ ލަނޑުގެ ތަފާތުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ފަށައިގެން މޮޅަށް ކުޅެ ގިނަ އެޓޭކް ތަކެއް އުފެއްދޭތޯ މަސައްކަތް ކުރީ ވިކްޓަރީންނެވެ. އެގޮތުން މި މެޗުގައި ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ)ގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ ރަނގަޅު ފުރުޞަތު ތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފުގައި ވިކްޓަރީގެ ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ މުސްތަފާ ސެޑިކާއި ކެރިޗް އަންދްރޭ އަށްވެސް ވަނީ ލީޑު ހޯދަން ރަނގަޅު ފުރުޞަތުތަކެއް ލިބިގެންގޮސްފައެވެ. ނަމަވެސް މާޒިޔާގެ ޑިފެންސް ލައިނުން ވަނީ އެ ފުރުޞަތުތައް ބޭކާރުކޮށްލައިފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީއަށް ލިބުނު އެންމެ ހުސް ފުރުޞަތުގައި އެ ޓީމުގެ ސެޑިކް މާޒިޔާގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ޕަވެލް މަޓީއަޝް ވަނީ ދިފާއުކޮށްފައެވެ.

މާޒިޔާއަށް ވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިގެން ގޮސްފައެވެ. އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވިކްޓަރީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހުސްކޮށް އޮތް ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެ ވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ މާޒިޔާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ވިކްޓަރީގެ އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 48 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސަންޑަ ރަކިޗެވެ. އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ވިކްޓަރީގެ ވޯލް ފޫއަޅުވާލާ ގޮސް ގޯލަށް ވަންއިރު ވިކްޓަރީ ކީޕަރަށް ވެސް އެ ބޯޅަ މަތަކުރަން މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

މާޒިޔާއިން ޖެހި ގޯލަށްފަހު އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބިގެންގޮސްފައެވެ. ނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އަދި އެ ހާފުގައި ވެސް ރަނގަޅަށް ކުޅެމުންދިޔަ ވިކްޓަރީން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް މާޒިޔާގެ ގޯލަށް އަމާޒުކޮށްފައެވެ. ނަމަވެސް މާޒިޔާގެ ޑިފެންސް ފޫއަޅުވާލައި ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މިއަދުގެ މެޗުން ބަލިވެ ވިކްޓަރީ މިވަގުތު އޮތީ ލީގު ތަވަލުގެ ހަ ވަނަ މަގާމުގައެވެ.