ރާއްޖޭގައި ޤުރުއާނުގެ ފަންނު ކުރިއެރުވުމަށް ސޫދާންގެ ޔުނިވާސިޓީތަކާއެކު ރާއްޖޭގެ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މަޝްވަރާ ކޮށްފިއެވެ. އެ މަޝްވަރާތައް ކޮށްފައި ވަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ މިހާރު ސޫދާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

އެގޮތުން މި މަހުގެ 23 ވަނަ ދުވަހު ސޫދާންގެ ޔުނިވާސިޓީ އޮފް ހޯލީ ޤުރުއާން އެންޑް އިސްލާމިކް ސައެންސާ އެކު ކުރިއަށްގެންދިޔަ މަޝްވަރާ ތަކުގައި އެ ޔުނިވާސިޓީން ވަނީ ރާއްޖޭގައި ހާފިޒުން އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ.

ޔުނިވާސިޓީ އޮފް ހޯލީ ޤުރުއާން އެންޑް އިސްލާމިކް ސައެންސްގެ ވައިސް ޗާންސެލަރާއި އެ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުގެ މަސްއޫލުވެރިން ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި ރާއްޖޭން ކުރަމުން ގެންދާ މަސައްކަތުގައި އެ ޔުނިވާސިޓީގެ ފުރިހަމަ އެހީ އާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

އޭގެ އިތުރުން އެ މަޝްވަރާ ބައްދަލުވުމުގައި އެ ޔުނިވާސިޓީއާއި ޤުރުއާނާބެހޭ މަރުކަޒާއެކު ގުޅުން ގާއިމްކުރުމަށާއި ޤުރުއާން މުދައްރިސުން ތަމްރީނުކުރުމާއި ދެ ފަރާތް ގުޅިގެން ޤުރުއާނާބެހޭ ދިރާސާތައް ކުރުމާބެހޭ ގޮތުންނާއި ޤުރުއާނާބެހޭ މަރުކަޒަށް ބޭނުންވާ ފަންނީ އެހީއާއި އެކަޑެމިކް ލަފާ ދިނުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ.

ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ސޫދާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސޫދާންގެ ހުރްތޫމް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯގެ އިސް ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ގާނީނީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ.