25 Apr 2017, 18:33
އަނިޔާވެރިގޮތަކަށް ހަމަލާދީ މަރާލާފައިވާ ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމިން ރަޝީދުގެ މަރުގެ މައްސަލަ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތަހުގީގު ކުރުމަށް އދ. އިން ވެސް އެދެފި އެވެ.
ޔާމީން މަރާލި މައްސަލަ ކުށްވެރިކޮށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރު ޒައިދު ރާއިދު ހުސެއިން އިއްޔެ ވިދާޅުވެފައި ވަނީ، ޔާމީންގެ މަރުގެ މައްސަލަ ވަގުތުން ތަހުގީގު ކުރުމަށް ގޮވާލާ ކަމަށެވެ.
ރާއިދު ހުސައިންގެ ތަރުޖަމާނު ރަވީނާ ޝަމްދާސަނީ ނެރުނު ބަޔާނަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވަނީ، ޔާމީން މަރައިލި ހާދިސާ ހިނގާފައި މި ވަނީ ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ދައުވާ ކުރުން އިތުރުވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ.
"ނޫސްވެރިންނަށާއި ސިވިލް ސޮސައިޓީ އެކްޓަރުން އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންނަށް، އެ މީހުންނަށް ލިބިގެންވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެއްވެސް ބިރެއް ނެތި ރައްކާތެރިކަމާއެކު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ޒިންމާ ދައުލަތުގެ ބޮލުގައި އެޅިފައިވާކަން ހަނދާންކޮށްދެން،" ޝަމްދާސަނީގެ ބަޔާނުގައި ބުނެފައިވެއެވެ.
އައްޑޫ ސިޓީ ފޭދޫ ޗަނބޭލީގޭ ޔާމިން ރަޝީދު، 29ގެ ހަށިގަނޑު އެކިތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ކައިރިން މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެނާ މަރުވެފައި ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
ޔާމީންގެ މަރުގެ މައްސަލަ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ވީ އެންމެ އަވަހަކަށް ތަހުގީގު ކޮށްދިނުމަށް އދ. އިން ގޮވާލާފައިވާއިރު، ޔާމީންގެ އާއިލާއިން ވެސް ވަނީ އެގޮތަށް އެދިފައެވެ.
ޔާމީންގެ މަންމަ އާއި ބައްޕަ ސޮއިކޮށް އިއްޔެ ބުނެފައިވަނީ، ޔާމީންގެ މަރުގެ މައްސަލާގައި އިތުބާރުހިފޭ ތަހުގީގެއް ހިންގޭނީ ބައިނަލްއަގްވާމީ ފެންވަރުގެ ތަހުގީގީ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކުގައި ކަމަށް ގަބޫލުކުރެވޭތީ، އެފަދަ ފަރާތްތައް ތަހުގީގުގައި ބައިވެރިކޮށްދިނުމަށް ފުލުހުންނަށާއި ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އެދިފައެވެ.
ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދައުލަތުގެ އެންމެހާ ވަސީލަތްތައް ބޭނުންކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ޔާމީންގެ އާއިލާއިން ވަނީ ރޭ ނެރުނު ބަޔާނުގައި މަރުހަބާ ކިޔާފައެވެ.
ޔާމީންގެ މަރާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއްނުވެއެވެ.
ނަމަވެސް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިިއަދު ވިދާޅުވީ ޔާމީނަށް މަރާލި މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ބޭނުންވާ ހެކި ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.