25 Apr 2017, 18:18
ޖިނާއީ ކުށް ތަހުގީގުކުރާ ފުލުހުންގެ މުއައްސަސާގެ ދެ ޑިޕާޓްމެންޓެއްގެ އިސް މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅަކު މަގާމު ބަދަލުކޮށްފިއެވެ.
"ސަން"އަށް ކަށަވަރު ވެފައިވާ ގޮތުގައި، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު އަދި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ވެރިޔާ، ސުޕްރިންޑެންޓެންޑް އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވަނީ އެ މަގާމުތަކުން ދުރުކޮށްފަ އެވެ.
ކަށަވަރުވެފައިވާ ގޮތުން، ރިޔާޒް ވަނީ ކޮމިޝަނަސް ބިއުރޯއަށް ބަދަލުކޮށްފައެވެ. އަދި ޝަތީހު ވަނީ ޕޮލިސް އެކެޑެމީއަށް ބަދަލުކޮށްފައެވެ.
ރިޔާޒަކީ ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ ތަހުގީގު މޮނީޓަރުކުރުމަށް އެ ގައުމަށް ވަޑައިގަތް ދެ ފުލުހުންގެ ތެރެއިން އެއް ބޭފުޅެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މި ބަދަލަކީ މީގެ ކުރިން މަޝްވަރާކޮށް، ގެނައުމަށް ނިންމާފައިވާ ބަދަލެކެވެ.
ފުލުހުންގެ މުއައްސަސާގެ އެތެރެއިން ގެންނަ އެފަދަ ބަދަލުތަކާ ބެހޭ މައުލޫމާތަކީ ފުލުހުން މީޑިއާއަށް ހިއްސާކުރާ މައުލޫމާތެއް ނޫނެވެ.