ރައްޔިތުންގެ މަޖިލިސް ހުއްޓުވައި ނުލުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ޑީއާރްޕީގައި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. އެމަނިކުފާނު މި ކަމަށް އިލްތިމާސް ކުރެއްވެވީ އާދަވެ ކޮންމެ ހުކުރު ދުވަހު ދެއްވާ ރޭޑިއޯ ތަގުރީރުގަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތް ބިނާވެފައި ވަނީ ތިން ބާރުގެ މައްޗަށް ކަމަށާއި، ޤާނޫނު ހަދާ ބާރާއި، ވެރިކަން ހިންގާ ބާރާއި ޝަރީޢަތްކުރާ ބާރުގެ ތެރެއިން އެއްވެސް ބާރެއް ނުވަތަ އެއްވެސް މަސައްކަތެއް ހުއްޓިފައި އޮވެއްޖެނަމަ، އެއީ ދިވެހި ދައުލަތް ހުއްޓުނީ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތް ހުއްޓިގެން ދައުލަތުގެ ހިޔާވަހިކަމުގައި ތިބި، ރައްޔިތުންނަށް މަންފާ އެއް، ނެތް ކަމަށެވެ.

"ޑީއާރްޕީގެ ތެރެއިން ވަކިން ޚާއްސަކޮށް އެބޭފުޅުންގެ ޒަޢީމަށް ޚާއްސަ ތާއީދެއް ދެއްވައިގެން ހަރަކާތްތެރިވާ ބޭފުޅުންގެ އަރިހުގައި ދަންނަވާލަން، އަދި ވަރަށް އިޚްލާސްތެރި ކަމާއެކު އެދެން، އެއްވެސް ހާލެއްގައި މަޖިލިސް ހުއްޓާލެއްވުމަށް ފާޅުގައި ވިދާޅުވެ، އެ މަގަށް މަސައްކަތް ކުރައްވަމުން ނުގެންދަވާށޭ،" ރައީސް ވިދާޅުވި އެވެ. "އެބާވަތުގެ މަސައްކަތް ކުރައްވާ ކަމަށް ވަނީވިއްޔާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެކުރެވޭ މަސައްކަތަކީ، ހަގީގަތުގައި ދައުލަތް ހުއްޓުވުމަށް ކުރެވޭ މަސައްކަތް. ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ބޭފުޅުންކޮޅެއް ކަމުގައިވީ ނަމަވެސް، ދެތިން ހަތަރު ބޭފުޅުން ނުކުމެވަޑައިގެން، ދިވެހި ދައުލަތް ހުއްޓުވުމަށް ކަންކަން ކުރުމަކީ ބުއްދިވެރި ކަމަކަށް ހަމަކަށަވަރުން ވެސް ނުވާނެ."

ޒައީމް މައުމޫނާއި ޒެޑްފެކްޝަނަށް ނިސްބަތްކުރައްވާ ރައީސް ވިދާޅުވީ "މަޖިލިސް ހުއްޓުވާލެއްވުމުގެ ވިޔާނުދާ މަސައްކަތުގައި" ބައިވެރިވެވަޑައިނުގަތުމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އުންމީދަކީ، ރާއްޖޭގެ ވެރިންނަކީ، އިޚްލާސްތެރި ވަފާތެރި، ޤާނޫނަށާއި ދައުލަތަށް ކިޔަމަންތެރި ވެރިންނަށް ވުން ކަމަށާއި ރައީސް މައުމޫނަކީ އެފަދަ ބޭފުޅެއް ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް، މިދެންނެވި ބާވަތުގެ ބޭފުޅެއް ނޫން ގޮތެއްގައި ފާހަގަވެވަޑައިގަންނަވަން އެދިވަޑައެއް ނުގަންނަވާނެ. ޒަޢީމަށް ޚާއްސަ ތާއީދެއް ކުރައްވައިގެން އުޅުއްވާ އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަދި އެންމެ އިޚްލާސްތެރިކަމާއެކު މި އެދެނީ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ހުއްޓުވާލެއްވުމަށް ނުކުމެވަޑައިނުގަންނަވާށޭ" ރައީސް ވިދާޅުވި އެވެ.

ރައްޔިތުން އަބަދުވެސް އެދެނީ، ތަރައްޤީވެ ތަނަވަސްވުމަށް، ކަމަށާއި ދައުލަތް ހުއްޓިފައި އޮވެގެން ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެވޭނެ ހަމަ އެއްވެސްގޮތެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.