Last Updated: 9 year 7 month ago

އަނިޔާވެރިގޮތަކަށް ހަމަލާދީ މަރާލާފައިވާ، އައްޑޫ ސިޓީ ފޭދޫ ޗަނބޭލީގޭ ޔާމިން ރަޝީދު، 29ގެ މަރާގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގާގުޅޭ މައުލޫމާތު މިޑިއާތަކާ ހިއްސާކުރުމަށް ބާއްވާ ހާއްސަ ޕްރެސް ކޮންފަރެންސްގެ ލައިވް ކަވަރޭޖް.
މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ސ. ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދަށް ހަމަލާދިން މީހުން ދެނެ ގަނެވިއްޖެ ކަމަށް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން މަރާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަވާޒު ވިދާޅުވީ އެ ސަރަހައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖްތަކުން ޔާމީނަށް ހަމަލާ ދިނުމުގަޔާއި އެ ކުށް ހިންގުމުގައި ހަރަކާތްތެރިވެފައިވާ މީހުން ދެނެގަނެވިފައިވާ ކަމަށާއި އަދި ފިޒިކަލް އެވިޑެންސްގެ ގޮތުގައި ހެކި ވެސް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެނަށް މިހާރު ވަނީ ވީޑިއޯ ފުޓޭޖްގެ ޒަރިއްޔާއިން އެ ކުށް ކޮށްފައިވާ ފަރާތްތައް ދެނެގަނެވިފައި. ވީޑިއޯއިން އެ މަންޒަރު އަޅުގަނޑުމެނަށް ވަނީ ފެނިފައި. ހަމައެއާއެކު އިތުރަށް ވީޑިއޯތައް އެންހޭންސް ކުރުމާއި އަދި ވީޑިއޯއިން ފެންނަ ފަރާތްތްއް ހޯދުމުގެ މަސަތްކަތް ވެސް ފުލުހުންގެ ފަރާތުން ކެނޑިނޭޅި މިދަނީ ކުރަމުން،" ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ ޔާމީނަށް ހަމަލާދީގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2:59 އެއްކަންހާއިރު ކަމަށާއި ހަބަރު ލިބުމާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް ޔާމީންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ނަވާޒު ވިދާޅުވީ ޔާމީންގެ ގާތިލުން ހޯދުމަށް ފުލުހުން އަންނަނީ ކެނޑިނޭޅި މަސަތްކަތް ކުރަމުން ކަމަށާއި އެގޮތުން އެކިފަރާތްކާ ސުވާލުކޮށް އެއްކުރަން ޖެހޭ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ. އަދި ލިބެމުންދާ މައުލޫމާތުގެ އަލީގައި އިތުރަށް ކުރަންޖެހޭ މަސަތްކަތްތައް ވެސް ފުލުހުންގެ އިންޓަލިޖެންސް އާއި ސެންޓްރަލް އިންޓަލިޖެންސް ކޯމްންޑްގެ އިތުރުން ކްރައިމް އިންވެސްޓީގޭޝަން ކޮމާންޑުން ވަރަށް ހަލުވި ކަމާ އެކު ކުރަމުން އަންނަ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނަށް ލިބިފައިވާ ބައެއް ފުޓޭޖުތަކުން ހަމަލާދިން ކަމަށް ބެލެވޭ މީހުންގެ ތެރެއިން ދެ މީހެއް ފެންނަ ސްކްރީން ސޮޓްތަކެއް ވަނީ ދައްކާލާފައެވެ. އެ ފޮޓޯތަކުން ފެންނަނީ ޔާމީނަށް ހަމަލާދީ ވައްޓާލާފައިވާ މ. ސުޕެޓިއުލާ ގޭ ސިޑި ކައިރީގައީ ދެ ފަހަރު މަތިން ހުރި ދެމީހުނާއި އެ ދެ މީހުން ދެ ސައިކަލަކަށް އަރާ ފޮޓޯއެކެވެ.
ޔާމީން ރަޝީދުއަށް ހަމަލާދިން ގޭ ސިޑިކައިރީގައި އެކުމުގައި ހަރަކާތްތެރިވިކަމަށް ބެލެވޭ މީހަކު ދޮރުން ވަންނަނީ ---
ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ދީފައިނުވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނަވާޒު ވަނީ ޔާމީންގެ ގާތިލުނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ އެ ކަން ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކޮށްދިނުމަށް ތަކުރާރުކޮށް އެދިވެޑައިގެންފައެވެ.
"މިއީ މި މައްސަލާގެ ތަހްގީގުގެ ކުރީކޮޅުކަމަށްވާތީވެ އަޅުގަނޑުމެނަށް ލިބިފައިހުރި ބައެއް މައުލޫމާތުތަކުގެ ވާހަކަ މިވަގުތު މީޑިއާގައި ހިއްސާކޮށްލެވެން ނެތް ކަމުގައިވީ ނަމަވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ މި ލިބުނު މައުލޫމާތުތަކުގެ އަލީގައި މި މައްސަލަ ކާމިޔާބުކޮށް ކަންކުރިފަރާތް އިންސާފްގެ ކުރިމައްޗަށް ގެނެވޭނެ ކަން،" ނަވާޒު ވިދާޅުވިއެވެ.

ޔާމީން މަރުވެފައި ވަނީ ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެރޭ މެންދަމު 3:48 އެއްހާއިރު ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

