އައްޑޫ ސިޓީ ލިންކު ރޯޑުގައި އިއްޔެ އިރު އޮއްސުނުއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ މޭކަށި ބިންދައިގެން ގޮސް އިތުރު ފަރުވާއަށް އެ މީހާ މާލެ ގެނެސްފިއެވެ.

އިއްޔެ އިރު އޮއްސި ގާތްގަނޑަކަށް 6:30 ކަންހާއިރު އެކްސިޑެންޓެއް ހިނގާފައިވަނީ ދެ ސައިކަލެއް ޖެހިގެންނެވެ. އެ އެކެސިޑެންޓުގައި އަނިޔާ ލިބުނު ތިން މީހަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބު މިއަދު ވިދާޅުވީ، އިއްޔެގެ އެކްސިޑެންޓުގައި އެންމެ ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 61 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާގެ މޭކަށި ބިންދައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އޭނާ މިއަދު މެންދުރުގެ ވަގުތެއްގައި އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވާ ކަމަށާއި ފޮނުވާލަންދެން ފަރުވާ ދެމުންދިޔައީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް ނަޖީބު ވިދާޅުވިއެވެ.

އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެމީހުންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އަނެއް މީހާ އަދިވެސް އޮތީ ހޮސްޕިޓަލްގައެވެ. ނަމަވެސް އެ ދެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އައްޑޫ ސިޓީ ލިންކު ރޯޑުގައި އިއްޔެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އައްޑޫ ސިޓީގެ މަރަދޫ ސަރަހައްދުން، ލިންކް ރޯޑުގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާތަކެއް ލިބުނު ޒުވާނަކު މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.