އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ވިހާފައި އޮތް ތުއްތު ކުއްޖަކު ވަޅުލި މަންޒަރު ފެނުނު ކަމަށް ހެކި ބަސްދިން މީހަކު ބުނެފި އެވެ.

މަރަދޫފޭދޫގައި 2012 ވަނަ އަހަރު ވިހެއުމަށް ފަހު ކުއްޖާ ވަޅުލި މައްސަލާގައި ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ސ. މަރަދޫ ޝޭމްރޮކް އާމިނަތު ޝާހީ އާލަމް، އާއި އޭނާގެ ފިރިމީހާ ސ. މަރަދޫފޭދޫ ފިނިފެންމާގޭ އިބްރާހީމް ވިސާމްގެ މައްޗަށެވެ.

ދައުލަތުން އެ ދެމީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޝާހީ ކައިވެނިކޮށްގެން ބަލިވެ އިނދެ ވިހި ހަފްތާގައި ވިހާފައިވާ ކުއްޖާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ. އަދި ބަލިވެއިނދެ ދަރިވައްޓާލުމުގެ ނިޔަތުގައި ދަރިވައްޓާލަން ބޭނުންކުރާ ޒާތުގެ ބޭހެއް ބޭނުންކޮށްފައިވާ ކަމަށާއި ބަނޑުގައި ރިއްސުމުން ވެސް އޭނާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިންގެ ހެކިބަސް ނަގާފައިވަނީ ސިއްރުންނެވެ.

ހެކިބަސް ދިން ފުރަތަމަ މީހާ ބުނީ، ހާދިސާ ހިނގި ދުވަހުގެ ޝާހީ އާއި ވިސާމް އާ މަގުމަތިން ދިމާވި ކަމަށެވެ. އަދި އެ ވަގުތު ދެމީހުން ވެސް ތިބީ ބިރުގަނެ ދެރަވެފައި ކަމަށެވެ.

އަދި އޭގެ ފަހުން ވިސާމް އާ ބައްދަލުވި ކަމަށާއި، އޭނާއާ ބައްދަލުވީ ހާދިސާ ހިނގި ވަގުތުގައި ކަމަށެވެ.

ހެކިބަސްދެމުން ފުރަތަމަ ހެކިވެރިޔާ ބުނީ އެކުއްޖާ ސާފުކޮށް ފެނުނު ކަމަށާއި، އެ ކުއްޖާ ނެގީ ސައިކަލު މަޑިދަށުން ކަމަށެވެ. އަދި އޭރު ކުއްޖާ އޮތީ ކަޅު ކުލައިގެ ކަރުދާސް ކޮތަޅަކަށް ލާފައި ކަމަށާއި، ވަޅުލާފައި ވަނީ އެ ކޮތަޅުން ނެގުމަށް ފަހުގައި ކަމަށް ހެކިވެރިޔާ ބުންޏެވެ. އޭރު ކުއްޖާ އޮތީ ނޫކުލައިގެ ބާޒާރު ކޮތަޅަކަށް ލާފައި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ހެކިބަސްދެމުން ހެކިވެރިޔާބުނީ، އެ ކޮތަޅުގައި ލޭ ހުރި ކަމަށް ފާހަގަ ކުރެވުނު ކަމަށާއި ކުއްޖާ ހަރަކާތް ކުރާކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އަދި އެއީ ވިސާމްގެ ދަރިއެއް ކަމަށް ހެކިވެރިޔާ ގާތު ވިސާމް ބުނިކަމަށް ހެކިބަސް ދީފައިވެ އެވެ.

"ވިސާމް އަމިއްލައަށް ބުނި އެއީ އޭނާގެ ދަރިއެއް ކަމަށް. އަދި ވަޅުލަނީ ކީއްވެތޯ އެހުމުން އޭނާ ބުނީ އޭނާގެ އަންހެނުން ބަލިވެ އިނުމަށް ފަހު ދަރި އެބޯޓު ވީ ކަމަށް،" ހެކިވެރިޔާ ބުންޏެވެ.

ހެކިބަސް ދެމުން ދެވަނަ ހެކިވެރިޔާ ބުނީ، އަތިރިމަތީގައި ޓޯޗު ބައްތިއަކުން އަލި ކުރާތަން ފެނުމުން ކޮންބައެއްތޯ ބެލުމަށް ދިޔައިން ކަމަށެވެ. އަދި ވަޅުކޮންނަ އަޑު އިވުނު ނަމަވެސް ވަޅުކޮންނަ ތަން ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެތަނުގައި އޭރު ދެމީހުން ތިބި ކަމަށާއި އެތަނުން އެކަކީ އޭނާ ދަންނަ މީހެއް ކަމަށެވެ. އަދި ފަހުން އެމީހާ އާ ދިމާވުމުން އެތަނުގައި ހިނގި ކަންތައް ކިޔައިދިން ކަމަށް ހެކިބަސްދިން ދެވަނަ މީހާ ބުންޏެވެ.

"އެތަނުގައި ހުރި އަޅުގަނޑު ދަންނަ މީހާ އާ ފަހުން ދިމާވެގެން އޭނާ ބުނީ، ވިސާމް ދަރިއަކު ވަޅުލީ ކަމަށް. އަދި އެއީ ފިރިހެން ކުއްޖެއް ކަމަށް އޭނާ ބުނި،" ހެކިވެރިޔާ ބުންޏެވެ.

އަދި އެ ކުއްޖާގެ އިނގިލިތައް ހަރަކާތް ކުރާ ކަމަށް ހާދިސާ ހިނގި ތަނުގައި ހުރި މީހާ ބުނި ކަމަށް ހެކިވެރިޔާ ބުންޏެވެ.

ފުލުހުން އެތަނަށް ދިޔަ އިރު އެސަރަހައްދުގައި ހުރިން ކަމަށާއި، ނަމަވެސް އެތަނަށް ފުލުހުންނާ އެކު ނުދާ ކަމަށް ހެކިބަސް ދިން ދެވަނަ މީހާ ބުންޏެވެ. ނަމަވެސް ފުލުހުންނަށް އެކުއްޖާ ވަޅުލި ތަން ކިޔައި ދިން ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލާގައި ކުއްޖާގެ ބައްޕަ ވިސާމް ވަނީ، އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ނުހުންނާނެ ކަމަށް ބުނެ، އެކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅައިފަ އެވެ. ނަމަވެސް ތަހުގީގުގައި އެކަން ފާހަގަކޮށްފައި ނުވާތީ، ޝަރީއަތުން ވަނީ ހެކި ބަލައި ނުގަންނާނެ ކަމަށް ނިންމައިފަ އެވެ.

އެ މައްސަލައިގެ ދެން އަންނަ އަޑުއެހުމެއްގައި ދައުލަތުން ހުށަހަޅާ އިތުރު ހެކިންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ ވިދާޅުވެފަ އެވެ.