މޭލޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވައި އާންމު ރައްޔިތުންގެ ރައްކަތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލުން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު މ. ސްޕެޑްޓިއުލާގޭ ސިޑި ގޮޅީތެރެއިން ތޫނު އެއްޗަކުން އަނިޔާވެރިގޮތެއްގައި ސ. ފޭދޫ ޗަނބޭލީގޭ ޔާމިން ރަޝީދު މަރާލުމަކީ އަނިޔާވެރިކަމާއި ރަހުމްކުޑަކަމުގެ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އެއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޔާމީން ރަޝިދުގެ މަރާ ގުޅިގެން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން އެނގެން ނެތުމުން ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަދި ޔާމިން ރަޝީދު މަރާލެވިފައި ވަނީ ކުރިން އިންޒާރު ދިނުމަށްފަހުކަމަށް މީޑިއާތަކުން އެނގެން އޮންނާތީ، އަދި މޭލޭގެ މަގުތަކަކީ ކެމެރާ ހަރުކޮށްފައިވާ މަގުތަކަކަށްވާ އިރު މި ކަމުގައި ޝާމިލްވާ މީހުން ހޯދުން ލަސްވުމަކީ މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުން ވަރަށް ބޮޑު ބިރުވެރިކަމެއް އިހްސާސް ކުރަން ޖެހޭ ކަމެއް ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައު ބުނެފައިވެ އެވެ.

އެބަޔާނުގައި ސިޓީ ކައުންސިލުން ވަނީ ވީ އެންމެ އަވަސް މުއްދަތެއްގައި ޔާމީން ރަޝީދުގެ ގާތިލުން ހޯދައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ހައްގު އަދަބު ދިނުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާފަ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ކަށަވަރުކޮށް ނުދިން ނަމަވެސް ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މއ. ސަހަރާ ކައިރީ ހުރި ތިންގެ އެއް ބަލައި ފާސްކޮށް ބައެއް ތަކެއްޗާ އެކު ހަތަރު މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.