ދިވެހި ފައިސާގައި މިހާރު ބޭނުން ކުރަމުން އަންނަ ދެ ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި އަލަށް ތައާރަފު ކުރާ ފައިސާ ފޮތި މި އަހަރު ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ބުނެފި އެވެ.

މަރުކަޒީ ބެންކް އެމްއެމްއޭގެ ތަރުޖަމާން މަންސޫރު ޒުބެއިރު މިއަދު ސަން އަށް ވިދާޅުވީ، މި އަހަރު ދެ ރުފިޔާގެ އާ ފައިސާ ފޮތި ނެރެ ބޭނުންކުރަން ފަށާނެ ކަމަށެވެ.

"މިއަހަރު ދެ ރުފިޔާގެ ކޮއިން ނެރޭނެ، ނެރޭނެ ވަކި ދުވަހެއް އަދި ނުނިންމަން،" މަންސޫރު ވިދާޅުވި އެވެ.

އެ އޮތޯރިޓީގެ ވިސްނުން ހުރީ އަލަށް ތައްޔާރުކުރާ ދެ ރުފިޔާގެ ފައިސާ ފޮތިތައް ލުއިކޮށް ތައްޔާރު ކުރުމަށެވެ.

"ކޮއިން ބަރުކޮށް ބެހެއްޓުމުގެ ވިސްނުމެއް އެމްއެމްއޭ އިން ނުގެންގުޅޭ، އެމްއެމްއޭ އިން ބޭނުން ވަނީ ދެ ރުފިޔާ ވެސް ލުއިކުރަން،" އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި އެވެ. "އެއް ރުފިޔާގެ ސްޓޮކް އަޅުގަނޑުމެންގެ އަތުގައި އެބަ ހުރި، އެހެންކަމުން މިހާރު އަޅުގަނޑުމެން ގިނައިން ދެނީ ވެސް އެއް ރުފިޔާގެ ކޮއިން،" އެމްއެމްއޭގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވެ އެވެ.

މިހާރު ބޭނުން ކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި އަލަށް ތައާރަފު ކުރާ ޕޮލިމާ ނޫޓު އަންނަ މަހުގެ ތެރޭގައި ތައާރަފްކުރުމަށް ވެސް އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ.