ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ ސޯޅައިން ޖާގަތައް ކަށަވަރު ކުރި ޓީމުތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފި އެވެ.

އެ މުބާރާތުގެ ގަދަ 16 އަށް ދިޔަ ޓީމްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައި ވަނީ އިއްޔެ އެފްއޭއެމް ހައުސްގަ އެވެ.

އެ މުބާރާތުގެ ގަދަ ސޯޅައިގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 28 އަދި 29 ވަނަ ދުވަހު މާފަންނު ވެލިދަނޑުގަ އެވެ.

އިއްޔެ ނެގި ގުރުއަތުލުމުން އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލް ކުޅެންޖެހެނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ އެވެ. ބީއެމްއެލް އެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގަ އެވެ. އަދި ކަސްޓަމްސް ގަދަ 16 އަށް ދަތުރުކުރީ ގުޜޫޕް އެޗްގެ ދެވަަނަ ޓީމުގެ ގޮތުގަ އެވެ.

ގަދަ 16އަށް ގުރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ދަތުރުކުރި ސިފައިން ކުޅެން ޖެހެނީ ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރި ސްޓެލްކޯއާ އެވެ.

ގްރޫޕް ޑީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރި އެމްޕީއެލް ވާދަކުރާނީ ގުރޫޕް އެފް ގެ ދެވަނަ ޕޮލިސް ކުލަބާ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން އެސްޓީއޯ ގަދަ 16ގައި ކުޅެން ޖެހެނީ ސިވިލް ކޯޓާއި ދެކޮޅަށެވެ.

ގަދަ 16ގެ އިތުރު މެޗުތަކަށް ބަލާއިރު އެޗްޑީސީ އެމްއޭސީއެލްއާއި ދެކޮޅަށް ނިކުންނަން ޖެހުނުއިރު، ހައުސިންގް ވާދަ ކުރަންޖެހެނީ އެމްޓީސީސީއާ އެވެ. ޓީމް ފެނަކަ އެލައިޑާ ދެކޮޅަށް ނުކުންނައިރު ރަނަރަޕް އެމްއާރްޑީސީ ނިކުންނާނީ މޯލްޑިވިއަންއާއި ދެކޮޅަށެވެ.